30 Sep 2014, 11:50
ޗެމްޕިއަންސް ލީގުގައި މިރޭ ސްޕޯޓިން ލިޒްބަންއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗާއި އަދި ޕްރިމިއަ ލީގުގައި އަންނަ ހަފްތާ ބަންދުގައި ވާދަވެރި އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގައިވެސް، ޗެލްސީގެ ނުރައްކާތެރި ފޯވާޑް ޑިއެގޯ ކޮސްޓާ ކުޅޭނޭ ކަމަށް އެޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.
ޗެލްސީއަށް ބަދަލުވުމަށްފަހު އެޓީމަށް ހޭނުމަށް ކުޑަ ދުވަސްކޮޅެއް ނެގި ސްޕެއިން ފޯވާޑް، ކޮސްޓާ ވަނީ މި ސީޒަންގައި މިހާތަނަށް ޗެލްސީއަށް ކުޅުނު ހަތް މެޗުން އަށް ލަނޑު ކާމިޔާބުކޮށް ޕްރިމިއާ ލީގުގެ ލަނޑު ޗާޓުގެ ކުރިން ޖާގަ ހޯދައިފައެވެ.
ފައިގެ ފަލަމަސްގަނޑަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކްލަބުގެ ފަރިތަކުރުންތަކުގައި ކޮސްޓާ ފުރިހަމައަށް ބައިވެރި ނުވި ނަމަވެސް މޮރީނިއޯ ބުނީ، ކުރިއަށް އޮތް ދެ މެޗުގައި ކޮސްޓާ ކުޅޭނެ ކަމަށެވެ.
"ޑިއެގޯ ކޮސްޓާ ކުޅޭނެ މިރޭގެ މެޗުގައި. އަދި އާދީއްތަ ދުވަހު އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް އޭނާ ކުޅޭނޭ ކަމަށް އުންމީދުކުރަން،" މޮރީނިއޯ ބުންޏެވެ.
ޗެލްސީގެ ލެޖްންޑް ފޯވާޑް ޑިޑިއަ ޑްރޮގްބާއަށް އަނިޔާގެ ސަބަބުން ސްޕޯޓިންއާ ދެކޮޅަށް ކުޅޭ މެޗުގައި ބައިވެރި ނުވެވޭ ކަންވެސް މޮރީނިއޯ ވަނީ ކަށަވަރުކޮށްދީފައެވެ.
"ޑްރޮގްބާއަށް އަނިޔާގެ ސަބަބުން ދެ ހަފްތާއެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ. އޭނާގެ ތަނބިކައްޓަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ މި މެޗުގައި ބައިވެރި ނުވޭ،" ޗެމްޕިއަންސް ލީގުގައި ސްޕޯޓިން ލިޒްބަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މީޑިއާއަށް މައުލޫމާތު ދެމުން މޮރީނިއޯ ބުންޏެވެ.
މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗު، އަމިއްލަ ދަނޑުގައި ޖަރުމަނުގެ ޝާލްކޭއާ ދެކޮޅަށް ކުޅެ ވަނީ 1-1 އިން އެއްވަރުވެފައެވެ. އެހެން ނަމަވެސް ކޮސްޓާ ވަނީ، ޕްރިމިއާ ލީގުގައި ގިނަ ލަނޑުތަކެއް ކާމިޔާބުކޮށް ޗެލްސީ ލީގު ތާވަލުގެ ކުރިއަށް ގެންގޮސްފައެވެ.