ރައްޔިތުންގެ މަޖިލީހުގެ މި އަހަރު ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ފެށުމަށް ހަމަޖައްސާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

މި އަހަރު އިންތިހާބުކުރި އާ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލުމަށް ފަހު ޗުއްޓީ އަށް ދިޔައީ މިދިޔަ އޯގަސްޓް މަހު 28 ވަނަ ދުވަހު އެވެ.

އާ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިމުނު އިރު ޖުމްލަ 58 މައްސަލައަކާ މެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ. އެ މަޖިލީހަށް 61 މައްސަލައެއް ހުށަހަޅާފައިވާ އިރު ގޮތެއް ނިންމާފައިނުވާ ތިން މައްސަލައެއް އޮތެވެ.

މަޖިލީހުގެ އިދާރާ އިން ބުނެފައިވާ ގޮތުގައި މަޖިލީހަށް ހުށަހެޅުނު 28 ބިލުގެ ތެރެއިން 26 ބިލަކާ މެދު މަޖިލީހުގެ ތަޅުމުން ވަނީ ގޮތެއް ނިންމާފަ އެވެ.

އާ މަޖިލީހުގެ ފުރަތަމަ ދައުރުގައި މުހިންމު ގިނަ ބިލްތަކެއް ވަނީ ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނަ ވަގުތު ހޭދަކޮށްގެން ނިންމާފައި ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ސުޕެޝަލް އިކޮނޮމިކް ޒޯންގެ ބިލްގެ މަސައްކަތެވެ.

ގިނަ މިނިވަން މުވައްސަސާތަކަކަށް މެމްބަރުން އައްޔަން ކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އަބްދުލްއަޒީމް ޖަމާލު އަބޫބަކުރު އައްޔަން ކުރުމާއި ޕްރޮސެކިއުޓާ ޖެނަރަލް މަގާމަށް މުމްތާޒް ފަހުމީ އައްޔަން ކުރުމާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކުރިމަތިލާފައިވާ ބޭފުޅުންގެ ތެރެއިން އަބްދުލްހަންނާނު އަހުމަދު އައްޔަން ކުރުމަށް ފާސްކުރުމާއ އެ ކޮމިޝަނަށް ރައްޔިތުން މަޖިލީހުގެ ފަރާތުން އިންނަވާ މެމްބަރު ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އައްޔަން ކުރުމުގެ އިތުރުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ފާތިމަތު ސަރީރާ އަލީ ޝަރީފް އައްޔަން ކުރެއްވުން ހިމެނެ އެވެ.