މުއައްޒަފުން ތަމްރީނުކުރުމުގައި ބޭނުން ކުރުމަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން އިމިގްރޭޝަން ޑިޕާޓްމަންޓަށް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކެއް މިއަދު ހަދިޔާކޮށްފި އެވެ.

ވެލާނާގޭގައި ހުންނަ އިމިގްރޭޝަންގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ވަސީލަތްތައް އިމިގްރޭޝަނަށް ހަވާލުކޮށް ދެއްވީ އައިއޯއެމްގެ ޕްރޮގްރާމް އޮފިސަރު އާލިއާ ހިޖްރީ އެވެ. އިމިގްރޭޝަނުން އެތަކެއްޗާ ހަވާލުވެވަޑައި ގަތީ އެ ޑިޕާޓްމަންޓްގެ ކޮންޓްރޯލަރު ހަސަން އަލީ އެވެ.

އައިއޯއެމްގެ ފަރާތުން ހަދިޔާކުރެއްވި ވަސީލަތްތަކުގެ ތެރޭގައި ވާޓެކްސް ވިޝުއަލައިޒާ އަކާއި ލައިޓްޕޭޑް 920 އަކާއި މަލްޓި މީޑިއާ ޕްރޮޖެކްޓަރެއްގެ އިތުރުން ކައުންޓަރުގައި ހަރުކުރާ ޔޫވީ ލައިޓް އަދި މޮބައިލްކޮށް ބޭނުންކުރާ ޔޫވީ ލައިޓް ހިމެނެ އެވެ. އިމިގްރޭޝަނުން ބުނީ އެ ތަކެތީގެ ސަބަބުން މުއައްޒަފުން ތަމްރީނުކުރުމުގައި އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ޑިޖިޓަލް ވިޝުއަލައިޒާ އާއި ލައިޓްޕޭޑް ބޭނުންކޮށްގެން ޕާސްޕޯޓައި ވިސާ އަދި އައިޑީކާޑު ފަދަ ލިޔެކިޔުމުގައިވާ ސެކިއުރިޓީ ފީޗާސްތައް ހައިކޮލިޓީ ރިޒޮލިއުޝަންގައި ޕްރޮޖެކްޓްކޮށް އަދި އެތަކެތީގެ އެހީގައި ޑޮކިއުމަންޓްތަކުގެ އިމޭޖު ހައިކޮލިޓީ ރިޒޮލިއުޝަންގައި ރައްކާކުރެވެ އެވެ. އެހެންކަމުން މުއައްޒަފުންނަށް ޑޮކިއުމަންޓް ސެކިއުރިޓީ ފީޗާސްތައް ކިޔާދޭން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ ވިދާޅުވީ އިމިގްރޭޝަނަކީ ޒިންމާދާރު މަސައްކަތްތަކެއް ކުރަމުންދާ މުއައްސަސާއެއް ކަމުން މުއައްޒަފުންގެ އަދަދު މަދުވާތަން ފޫބެއްދުމަށް މުއައްޒަފުންނަނީ ހުނަރުވެރި ގާބިލު ބަޔަކަށް ހެދުމަށް ކުރިއަށް އޮތް ތާގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނޭ ކަމަށެވެ. އަދި މުއައްޒަފުންނަށް ތައުލީމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަކީ ވެސް ކޮންޓްރޯލަރުގެ އަމާޒެއް ކަމަށް ވެސް ވިދާޅުވި އެވެ.

އައިއޯއެމްގެ ޕްރޮގްރާމް އޮފިސަރު ވިދާޅުވީ އައިއޯއެމްގެ ފަރާތުން ހަދިޔާކުރި ވަސީލަތްތަކުގެ އެހީގައި އިމިގްރޭޝަނުން އަލަށް ރެކްރޫޓްކުރާ އޮފިސަރުންގެ ހުނަރާއި ގާބިލުކަން އިތުރުވެގެންދާނެ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ފޯޖް ޕާސްޕޯޓްގައި އެތެރެވާން މަސައްކަތްކުރާ ފަރާތްތައް ހުއްޓުވޭނެކަމުގައި ވިދާޅުވި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރާއި އާލިއާ ހިޖްރީގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ އައިއޯއެމްއާއި އިމިގްރޭޝަނާ ދެމެދުގައިވާ ގުޅުން ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އަރުވަމުންނެވެ.