30 Sep 2014, 11:20
ރެއާލް މެޑްރިޑްގެ ގޯލް ކީޕަރު އިކާ ކަސިއަސް އަކީ ފުޓްބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ގޯލް ކީޕަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް، އެޓީމުގެ ކުރީގެ ތަރި، ބްރެޒިލްގެ ރޮބާޓޯ ކާލޯސް ބުނެފި އެވެ.
ބްރެޒިލް ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ކާލޯސް ބުނީ، ސަޕޯޓަރުންގެ ފަރާތުން ކީޕަރުންނަށް ފާޑުކިޔުންތައް އަމާޒުވުމަކީ އާދައިގެ ކަމެއް ކަމަށާއި، ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީ އެ ކްލަބް ކުރިއަށް ގެންދަނީ ރަނގަޅަށް ކަމަށެވެ.
ކަސިއަސްއާއެކު ރެއާލްގައި 11 އަހަރު ހޭދަކުރި ކާލޯސް ބުނީ، ސަޕޯޓަރުންގެ ފަރާތުން ބައެއް ހާލަތްތަކުގައި ދިމާކުރުންތައް އަންނާނޭކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި އުމުރުން 33 އަހަރުގެ ކަސިއަސް ވަނީ، ކްލަބުގައި އޭނާގެ މަގާމު ދިފާއުކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައި ކަމަށްވެސް އޭނާ ބުންޏެވެ.
"އިކާ އަކީ، ކްލަބުން އުފެއްދި ކުޅުންތެރިއެއް. އޭނާ ވަނީ، މި ޖާޒީ 15 އަހަރު ލާފައި، އަދި އެތައް ބައިވަރު ކާމިޔާބަކާއި ޓްރޮފީތަކެއް ވެސް ހޯދާފައި. އޭނާއަކީ 'އައިޑްލް'އެއް. ފުޓްބޯޅައިގެ ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅެތި ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް،" ކަސިއަސްއަށް ކުރިމަތިވަމުން އަންނަ ފާޑުކިޔުންތަކަށް ރައްދު ދެމުން އޭއެސްއަށް ދިން އިންޓަވިއުއެއްގައި ކާލޯސް ބުންޏެވެ. "ސަޕޯޓަރުން ބައެއް ފަހަރު ކުޅުންތެރިންނާ ދެކޮޅަށް އަޑު އުފުލާ. އެއީ ވަރަށް އާދައިގެ ކަމެއް. އެކަމަކު ރެއާލްގައި ކަސިއަސްއަށް ވަރަށް ބައިވަރު ކްރެޑިޓްތައް އެބަހުރި."
ރެއާލްގެ މެދުތެރެއަށް ކުޅެމުންއައި މުހިއްމު ދެ ކުޅުންތެރީން ކަމަށްވާ، އެންޖެލް ޑި މަރިއާ އާއި، ޒަބީ އަލޮންސޯ، މިދިޔަ ސަމާ ޓްރާންސްފާގައި އެހެން ކްލަބުތަކަށް ދިއުމަށް ފުރުސަތު ދިން މައްސަލައިގައި ކާލޯ އެންޗެލޮޓީއަށް ކުރަމަތި ވަމުން އަންނަ ފާޑުކިޔުންތަކާ ދެކޮޅަށް ވެސް ކާލޯސް ވަނީ ވާހަކަ ދައްކައިފައެވެ.
"އެންޗެލޮޓީއަކީ މޮޅު ކޯޗެއް. އެހެން ކަމުން ޓީމު ބެލެންސް ދަމަހައްޓާނެ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގޭނެ. މިދިޔަ ސީޒަންގައި ވެސް އޭނާ ވަނީ އެކަން ކާމިޔާބު ކޮށްފައި، އަދި އަހަންނަށް ޔަގީން މި ސީޒަންގައި ވެސް އޭނާ ބޭނުންވާ ހިސާބަށް މެޑްރިޑް ގެންދާނެކަން،" ބްރެޒިލްގެ ކުރީގެ ފުލްބެކް ބުންޏެވެ.
ކާލޯސް ބުނީ، އާ ސީޒަނެއް ފެށިގެންދާއިރު، ކްލަބުތައް ހަމައަކަށް އަޅުވަން ވަގުތު ނަގާ ކަމަށާއި، އަދި އެންޗެލޮޓީ އެކަން ކާމިޔާބުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
"އަހަރެން ވަރަށް އިހްތިރާމް ކުރާ ކޯޗެއް އެންޗެލޮޓީއަކީ. އޭނާއާ އެކު މެޑްރިޑަކީ ވަރުގަދަ ކްލަބެއް އަދި ބައިވަރު ކާމިޔާބުތަކެއް ހޯދާނެ،" ކާލޯސް ބުންޏެވެ.
ރެއާލްގެ ކާމިޔާބުތައް މި ސީޒަންގައި ވެސް ތަކުރާރު ކުރާނޭ ކަމުގެ އުންމީދާއެކު ކާލޯސް ވަނީ، އެޓީމުގެ ބްރެޒިލް ޑިފެންޑަރު މާސެލޯގެ ކުޅުމަށް ވެސް ތައުރީފު ކޮށްފައެވެ.
"އޭނާގެ ކުޅުން ވަރަށް ރަނގަޅު. އޭނާއަކީ އެކުޅޭ މަގާމަށް ވަރަށް ފިޓް ކުޅުންތެރިއެއް. އަހަރެން ދެކޭ ގޮތުގައި މިވަގުތު އޭނާއަކީ އެންމެ ރަނގަޅު ވާތުބެކް،" މާސެލޯއާ ބެހޭގޮތުން ކާލޯސް ބުންޏެވެ.