30 Sep 2014, 11:03
"މެރިޓައިމް ލޭބާ ކޮންވެންޝަން 2006"ގައި ބައިވެރިވުމަށް ސޮއިކޮށްފި އެވެ.
ދުނިޔޭގެ މެރިޓަމައި ދުވަސް ފާހަގަކުރުމަށް މިއަދު ސްޓެލްކޯގެ ސެމިނާ ރޫމްގައި ބޭއްވި ޖަލްސާއެއްގައި އެ ކޮންވެންޝަންގައި ބައިވެރިވުމަށް ދިވެހި ދައުލަތުގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އެ ކޮންވެޝެންގައި ސޮއިކުރެއްވުމަށް ފަހު އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ކޮންވެންޝަންގައި ސޮއިކުރުމާ އެކު ދިވެހި ސީމަނުންގެ ހައްގުތައް ހިމާޔަތް ކުރެވިގެންދާނެ ކަމަށެވެ.
"ބޯޓް ފަހަރުގައި މަސައްކަތް ކުރާ މީހުންގެ މަސައްކަތުގެ މާހަލުގެ ރައްކާތެރިކަމާއި ވަޒީފާގެ އެއްބަސްވުމަކީ ވާން ޖެހޭނެ [އެއްބަސްވުންތަކެއް]. ރަނގަޅު މާހައުލެއްގައި އުޅުމުގެ ހައްގާއި ނިދުމުގެ ކަންކަން ހަމަޖައްސަން ޖެހޭނެ ކަމުގެ ހައްގާއި ބޭސްފަރުވާ އާއި ސޯޝަލް ސެކިއުރިޓީގެ ހައްގު ކޮންވެންޝަނާ އެއްގޮތަށް ލިބުމުގެ މަގު ފަހިވެގެންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ބޯޓްފަހަރުގައި މަސައްކަތް ކުރުމަށް މިހާރުދާ ދިވެހިންގެ އަދަދަކީ 400 ވަރަކަށް މީހުން ކަމަށާއި އެ އަދަދު މަތިކޮށް ދިވެހި ޒުވާނުންނަށް ބޯޓް ފަހަރުގައި މަސައްކަތް ކުރުމުގެ ފުރުސަތި އެ ކޮންވެންޝަން އިން ތަނަވަސްވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
"ބާރު މިނެއްގައި އިގްތިސާދުގެ ކަންތައްތައް ފުޅާކުރުމުގެ މަޝްރޫއޫތައް ރޭވިގެންދާ މިދުވަސްވަރު މެރިޓައިމް ސެކްޓާ ހުޅުވާލުމަށާއި ވިޔަފާރި އާއި މަސައްކަތުގެ ގިނަގުނަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް މިކޮންވެންޝަންގެ ސަބަބުން ހުޅުވިގެންދޭ،" ސައީދު ވިދާޅުވި އެވެ.
ރާއްޖޭގައި ކުރިއަށް އޮތީ ބޮޑެތި މަޝްރޫތައް ކަމަށް ވުމުން އެކަމުގައި ވެސް މެރިޓައިމް ދާއިރާގެ މަސްއޫލިއްޔަތު ކުޑަ ނޫން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ރާއްޖެ އަކީ އިންޓަނޭޝަނަލް ޝިޕިންއާ ރައްޓެހި ތަނަކަށް ހެދުމަށް ޓަކައި ސަރުކާރުން އިސްނަގައިގެން ގިނަ މަޝްރޫތަކެއް ހިންގާ ކަމަށާއި އޭގެ ތެރޭގައި ޓްރާންސްޝިޕްމަންޓް ޕޯޓާއި އިންޓަނޭޝަނަލް ޝިޕް ރަޖިސްޓްރީއެއް ގާއިމު ކުރުމާއި ޔޮޓް މެރީނާތައް ހެދުމާއި ޝިޕިން ކުންފުނިތައް ޝައުގުވެރިވާ ފަދަ ގައުމަކަށް މިގައުމު ހެދުމަށް މަސައްކަތްތައް ކުރިއަށްދާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްލަތީފް މުހައްމަދު ވިދާޅުވީ އެ ކޮންވެންޝަނަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ. އެ ކޮންވެންޝަނަކީ ވަރަށް މުހިންމު ކޮންވެންޝަނެއް ކަމަށާއި އެކަމުގެ ސަބަބުން މެރިޓައިމް ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނަށް ގިނަ ހައްގުތަކެއް ހިމާޔަތް ކުރެވިގެންދާނެ ކަމަށެވެ.