22 Jan 2011, 12:53
ހދ. ފަރިދޫއާއި ކުނބުރުދޫ އަދި މާވައިދޫ މީހުން އެއަތޮޅު ނޮޅިވަރަންފަރަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިން މިއަދު ފަށައިފި އެވެ.
"އޮޕަރޭޝަން އެއްފަސް ހާދާލު 2011" ގެ ނަމުގައި އެމްއެންޑީއެފް ނޮދަން އޭރިއާއިން މިއަދު ފެށި އެ މަސައްކަތުގައި މިއަދު ކުރިއަށްދަނީ މާވައިދޫ ރައްޔިތުން ނޮޅިވަރަންފަރަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ފުރަތަމަ ނޮޅިވަރަންފަރަށް ބަދަލުކުރާ މާވައިދޫ ރައްޔިތުން ކަމަށާއި ތިން ރަށުގެ ރައްޔިތުން ނޮޅިވަރަމްފަރަށް ބަދަލު ކުރުމުގެ މަސައްކަތް ދެ ތިން ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެ ރަށްތަކުން މީހުން ބަދަލުކުރުމަށްޓަކައި، އެމްއެންޑީއެފްގެ ޓީމެއް މިދިޔަ ހަފުތާގެ ތެރޭ ވަނީ އެ ރަށްރަށަށް ގޮސް ސާވޭތަކާއި ޕްލޭންތައް ކޮށްފަ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި އެ ތިންރަށަކީ މީހުން ނޫޅޭ ރަށްތަކެއްގެ ގޮތުގައި ކަނޑައަޅައި، ސަރުކާރުން ވަނީ އެ ތިން ރަށުގެ މީހުން ނޮޅިވަރަންފަރުގެ ރައްޔިތުންގެ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު ހަމަޖައްސާފަ އެވެ.