30 Sep 2014, 10:24
ރާއްޖެ އަށް މޫސުން ގޯސްވެ، ކަނޑު ގަދަވެ އަދި ވިއްސާރަ ދުވަސް ވަރަކަށް ވާތީ މޫސުމަށް ބަލައިގެން ކަނޑު ދަތުރުތައް ކުރުމަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ދެކުނުގެ އަތޮޅުތަކަށް އެވްރެޖްކޮށް ގަޑިއަކު 30 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނެއްގައި އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެން ކަމާ އެކު ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ކާރިސާއެއް ކުރިމަތިވެ ދާނެތީ ރައްކާތެރިވުމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ވަނީ ޔެލޯ އެލާޓެއް ވެސް ނެރެފަ އެވެ.
އެމްއެންޑީއެފުން ބުނީ މުދާ އުފުލާ އުޅަނދުފަހަރު ވެސް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރުނުކުރެއްވުމާއި ދަތުރު ކުރައްވާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް ފަސޭހައިން އަތުޖެހޭނެހެން ބެހެއްޓުމާއި އަދި ހުރިހާ އުޅަނދެއްގައި ވެސް ދިޔަ ހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.