29 Sep 2014, 23:07
އދ. މަޖިލިސް (ސެޕްޓެމްބަރ 29) : އެމެރިކާއާއި ހުޅަނގު ޔޫރަޕްގެ ބޮޑެތި ގައުމުތަކަކީ އެގައުމުތަކުގެ ސިޔާސީ އަދި އިގްތިސާދީ ލަނޑުދަނޑިތައް ޙާސިލު ކުރުމަށް ޓަކައި ހަތިޔާރުގެ ބޭނުންކޮށް އަތް އިސްކުރަމުގެ ހަރުކަށި ސިޔާސަތުތަކެއް ގެންގުޅޭ ގައުމުތަކެއް ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ތުހުމަތު ކުރައްވައިފި އެވެ.
އދ.ގެ ޖެނެރަލް އެސެމްބަލީގައި ތަގްރީރު ކުރައްވަމުން ލާވްރޯވް ވިދާޅުވީއެމެރިކާ އާއި ހުޅަނގުގެ ބޮޑެތި ބާރުތައް ގުޅިގެން 1999 ވަނަ އަހަރު ސަރބިޔާ އަށް ޙަމަލާދީ އެގައުމު ބޮޑެތި ގެއްލުންތަކެއް ދީފައިވާ އިރު 2001 ވަނަ އަހަރު އަފްޣާނިސްތާނަށް އަރައިގެންފައިވާ ކަމުގަ އެވެ. އެއަށް ފަހު 2003 ވަނަ އަހަރު އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ބުނެ ދޮގުތަކެއް ހަދައި މުޅި ދުނިޔެއަށް އޮޅުވާލުމަށް ފަހު އދ.ގެ ހުއްދައަކާނުލައި ގަދަބާރުން އިރާގަށް އަރައި ހަނގުރާމަކޮށް އެތައް ބަޔަކު މަރައި އިރާގުގެ ބޮޑުބައެއް ސުންނާފަތިކުރުމަށް ފަހު 2011 ވަނަ އަހަރު ލީބިޔާގެ ވެރިކަން ވައްޓާލުމަށް ޓަކައި އެގައުމަށް ވެސް ޙަމަލާތައްދީ ހަރުކަށި އަމަލުތައް ހުޅަނގުން ހިންގާފައިވާ ކަމަށް ލާވްރޯވް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ އެމެރިކާ އާއި ހުޅަނގުގެ ލީޑަރުން އަދި ވެސް ގެންގުޅުއްވަނީ ފިނި ހަނގުރާމައިގެ ވިސްނުން ކަމަށާއަދި މަގްސަދްތައް ޙާސިލް ކުރުމަށްޓަކައި އެގައުމުތަކުން ބޭނުން ކުރަނީ ހަތިޔާރާއި އަސްކަރީ ބާރާއި ދަތިކުރުމުގެ ފިޔަވަޅުތައް ކަމުގަ އެވެ.
ރަޝިޔާއާއި އެމެރިކާގެ ގުޅުންތައް ގޯސްވެފައި ވަނީ ފިނި ހަނގުރާމައިގެ ވިސްނުމުގައި އެމެރިކާ ރަޝިޔާއާ މެދު މުޢާމަލާތް ކުރަމުންގެން ދާތީ ކަމަށާއި ރަޝިޔާ ވެސް ރަޝިޔާގެ ސަލާމަތަށް ޓަކައި ކޮންވެންޝަނަލް ހަތިޔާރާއި ނިއުކްލިޔާ ހަތިޔާރު ތަރައްގީ ނުކޮށް ނޯންނާނެ ކަމަށް ލާވްރޯވް ވިދާޅުވި އެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީގައި ދެއްވި އިއްޔެ ދެއްވި ތަގްރީރުގައި ލާވްރޯވް ވަނީ އެމެރިކާ އަށާއި އެމެރިކާގެ ވަށައިގެން އެނބުރޭ ވިލާތުގެ ބޮޑެތި ބާރުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ބަހުގެ ޙަމަލާތައް ދެއްވާފަ އެވެ. ލާވްރޯވް ވިދާޅުވީ އެމެރިކާ އާއި ވިލާތުގެ ބޮޑެތި ބާރުތަކުގެ އަތްއިސްކުރުންތައް މިހާރު ފެންނަމުންދަނީ އައިއެސް ޖަމާއަތާ ހަނގުރާމަ ކުރުމަށް ކަމަށްބުނެ އދ. ގެ ހުއްދައަކާނުލައި އިރާގާއި ސޫރިޔާ އަށް ދެމުން ގެންދާ ޙަމަލާތަކުން ކަމަށާ އެ ޙަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނު ހުއްދަކުރާ ހަމަލާތަކެއްތޯ ސުވާލު އުފެދޭ ކަމުގަ އެވެ. އަދި އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ސޫރިޔާ އަށް ޙަމަލާތަކުން މަރުވާނީ ސޫރިޔާގެ އާންމުންކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ހުޅަނގުގެ ބާރުތަކުން ދުނިޔޭގެ އެކި ގައުމުތަކާ ދެކޮޅަށް ބާރުގެ ބޭނުން ކުރަނީ އަމިއްލަ މަގްސަދްތަކެއް ހާސިލް ކުރުމަށް ކަމަށް ވިޔަސް މިކަން ކުރަނީ ޑިމޮކްރަސީ ފެތުރުމަށާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުންފަދަ މޮޅެތި ނަންނަމުގައި ކަމުގެ ހަގީގަތް އޮޅުވާލައިގެން ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
ހުޅަނގުން ދުނިޔޭގައި ފުލުހެއްގެބައި އަމިއްލައަށް އަދާ ކުރަމުން ގެންދާތީ ރަޝިޔާ ވެސް ރަޝިޔާގެ ސަލާމަތަށް ޓަކައި ކޮންވެންޝަނަލް ހަތިޔާރާއި ނިއުކްލިޔާ ހަތިޔާރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް ލާވްރޯވް ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)