22 Jan 2011, 12:27
ގިނަ ބަޔަކު އުއްމީދު ކޮށްގެން ތިބި ގޮތަށް ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް ވަނީ ޕާޓީގެ ލީޑާޝިޕްގެ ތެރޭ އުފެދުނު ބައިބައިވުންތައް ނައްތާލައި، ޕާޓީ އެއްބައިވަންތަ ކުރުމުގެ މަސައްކަތް ފައްޓަަވައިފަ އެވެ. ނަމަވެސް، އެއް ރޫހެއްގައި އެއް އަޒުމަކަށް މަސައްކަތްކުރާ ޕާޓީއަކަށް ވުމަށް "ބައްޕަ" އެއްގެ ހައިސިއްޔަތުން އެމަނިކުފާނު ގޮވައިލެއްވި ގޮވައިލުމުގެ އަޑު މެމްބަރުން އެހި ހެއްޔެވެ؟ ނުވަތަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް މަސައްކަތްކުރުމަށް ދެ ފެކްޝަނުގެ ތަޅާފޮޅުންތައް ހަމައެކަނި ވަގުތީ ގޮތުން މަޑުޖައްސާލީ ހެއްޔެވެ؟
ކަލާފާނު ސްކޫލްގައި ޖެނުއަރީ 6، 2011 ގައި މައުމޫން ބޭއްވެވި ޖަލްސާ އަށް ޕާޓީ ތެރޭގައި އުފެދިގެން އުޅޭ ދެ ފެކްޝަނުގެ އިސް ބޭފުޅުން ވަޑައިގެންނެވި ނަމަވެސް، އެ ރެއަށް ފަހު ދެ ފެކްޝަނުގެ ބޭފުޅުން އެއްތަނަކުން އެއް ވަގުތަކު ނުފެނެ އެވެ. ޑީއާރްޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދިނުމަށް ޒައީމް މައުމޫން މިހާތަނަށް ކުރެއްވި އެއްވެސް ދަތުރުފުޅަކުން ޑީއާރްޕީގެ ލީޑާ އަހްމަދު ތަސްމީން އަލީ އާއި އޭނާގެ އަރިސް ބޭފުޅުން ނުފެނެ އެވެ. އަދި ތަސްމީން އިންނަވާ ޖަލްސާއަކުން އޭނާއާ ޚިޔާލުތަފާތުވާ ފެކްޝަނުގެ އިސް މެމްބަރެއްގެ އިތުރުން ޒައީމް މައުމޫނެއް ވެސް އަދި ނުފެނެ އެވެ. އެހެންކަމުން ލޯކްލަ ކައުންސިލް އިންތިހާބަށް ދެ ޕާޓީން އެއްބައިވަންތަވީ މިންވަރާ މެދު ސުވާލު އުފެދެ އެވެ.
އަދި މައުމޫނުގެ ކެމްޕޭނު ޖަލްސާއަކުން ކުރިއަށް އޮތް ދުވަސްތަކުގައި ފެނިދާނެތޯ ދެންނެވުމުން ތަސްމީން ދެއްވި ޖަވާބުން، އެއީ ނުވެ ހިނގައިދާނެ ކަމެއް ކަން ވެސް ސާފެވެ. "އަޅުގަނޑުމެން ކުރިއަށް ހުރި ހުރިހާ ދުވަސްތަކުގެ ޕްރޮގްރާމްތައް ފައިނަލްވެފަ ނެތީމަ އެކަން ރޭވިފައި ނެތީމަ ކަށަވަރުކަމާއެކީ މިވެނި ދުވަހަކު މިވެނި ގޮތަކަށް މިކަން ވާނޭ ދަންނަވަން ނޭގޭ" ތަސްމީން ވިދާޅުވި އެވެ.
ނަމަވެސް، މައުމޫންގެ ކެމްޕޭނު ޖަލްސާތަކުގައި ތަސްމީނު ބައިވެރިވެވަޑައިނުގަންނަވަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ޑީއާރްޕީގެ ޕާލިމެންޓްރީ ގްރޫޕް މެމްބަރު އިލްހާމް އަހްމަދު ރޭ ވިދާޅުވި އެވެ.
"ވަރަށް ހިތާމަކުރަން މައުމޫންގެ ޖަލްސާތަކުން ބައެއް ބޭފުޅުން ފެނިވަޑައިނުގަންވާތީ. ތަސްމީނަށް ވެސް ހުރިހާ ބޭފުޅުންނަށް ވެސް ދައުވަތު ވާނީ އަރުވައިފަ. ބައިވެރިވެވަޑައިނުގަންނަވަންވީ އެއްވެސް ސަބަބެއް ނެތް،" ތަސްމީނަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް މެމްބަރު އިލްހާމް ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ވެސް ޑީއާރްޕީގެ ލީޑާޝިޕްގެ ބައިބައިވުން ފެނިގެންދާއިރު، ކަންބޮޑުވާން ޖެހޭ އިތުރު މައްސަލަ އެއްވެސް އެބަ އޮތެވެ. އެއީ ޕާޓީ ތެރޭ އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމުގެ ބަދަލުގައި އިންތިހާބު ނިމެންދެން އެ މައްސަލަތައް "ހިންދާލައިގެން" ދެކޮޅުން ވެސް ތިބުމެވެ.
އިލްހާމް ވިދާޅުވި ގޮތުގައި، ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު ޕާޓީން ވަކިކުރި މައްސަލަ ވެސް މިހާރު މަޑުޖެހިފައި އޮތީ އިންތިހާބަށްޓަކަ އެވެ. ޓީވީއަށް އަރައި އެއް ފެކްޝަނުން އަނެއް ފެކްޝަނުގެ ބޭފުޅުންނަށް އެއްޗެހި ގޮވާ ތަން މިއަދު ނުފެންނަނީ ވެސް ކައުންސިލް އިންތިހާބު ބޯމަތިވެފައި އޮތުމުންނެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އުމަރު ނަސީރު ވެސް (ޕާޓީން ވަކިކުރި މައްސަލައިގައި) ކޯޓަށް ނުގޮސް މަޑުކޮށްގެން އެހެރީވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކުރިން ނޫސްތަކުގައި އެވާހަކަ ޖަހައި، އަޑުއެހުން ބައްވައިފިޔޭ، އަޑުއެހުން ނުބާއްވައޭ ކިޔައި ޖަހާނެތީ،" އިލްހާމް ވިދާޅުވި އެވެ.
މައުމޫން ފެއްޓެވި އެއްބައިވަންތަކަމުގެ މަސައްކަަތަށް ހުރަސް އެޅޭނީ އުމަރު މައްސަލައިން އެކަންޏެއް ނޫނެވެ. އެއަށް ވުރެ ވެސް ބޮޑު މައްސަލަ އެއް ވެސް މިހާރު ދަނީ ޑީއާރްޕީ ތެރޭ ކެކެމުންނެވެ.
ޑީއާރްޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ޑީއާރްޕީ ތެރެއިން މަސައްކަތްކުރަމުންދާ މައްސަލަ އެވެ. އެކަމުގައި ތަސްމީނާއި ޝާހިދަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ފެކްޝަނުގައި ހިމެނޭ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން އިސްކޮށް ތިއްބަވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަނެއްކޮޅުން، އެކަން ކާމިޔާބުވިޔަ ނުދިނުމަށް ތަސްމީން ވަނީ ހަތިޔާރު ނަންގަވައިފަ އެވެ.
މީގެ އިތުރުން ޑީއާރްޕީ، ޕީއޭ ކޯލިޝަނާ ދެމެދު ލާފައިވާ ރެނދު ވެސް ދަނީ އިތުރަށް ފޭ ވަމުންނެވެ. އެ ޚިޔާލުތަފާތުވުންތަކަށް ވެސް އެޑްރެސްނުކުރައްވައި މަޑުޖައްސައިލައިފައިވަނީ ކައުންސިލް އިންތިހާބު ނިމެންދެން ކަން ތަސްމީންގެ ވިދާޅުވެފައި ވެއެވެ.
"ދެން އަޅުގަނޑު ބޭނުންނުވާ ކަމަކީ މިއޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޕަބްލިކްގެ ސަމާލުކަން އެއަށް ހުއްޓިފައި އޮންނަން. ފަހެއް ފެބްރުއަރީގެ ފަހުން އަޅުގަނޑު ކައިރިން އަހައިލައިފިއްޔާ ތި [ސުވާލު[ ކުރައްވާ އަޅުގަނޑުމެން ދޭތެރޭގައި ހުރި ކޮންމެ މައްސަލައަކަށް އަޅުގަނޑު ދެކޭ ގޮތް ހާމަކުރަން އަޅުގަނޑު އެއްވެސް ކަންބޮޑެއް ނުވޭ،" ތަސްމީން ވިދާޅުވި އެވެ.
ކައުންސިލު އިންތިހާބަށްފަހު ޑީއާރްޕީ ތެރޭ ދެން ފެންނާނެ މަންޒަރާ ގުޅޭ ގޮތުން އިލްހާމް ވިދާޅުވަނީ، "އިންތިހާބުގެ ފަހުން ކަންތައްވާނެ ގޮތުގެ، އެ ޕިކްޗާ ދައްކަން ވަރަށް އުނދަގޫ،" ވާނެ ކަމަށެވެ.
އެކަންކަމުން ޑީއާރްޕީ ތެރޭގައި މިހާރު ހުރި ރެނދުތައް ފޮރުވުމަށް ނޫ ކެމްޕޭނު ފޮތި ދަމާފައިވާކަން ކަށަވަރެވެ. ނަމަވެސް، އިންތިހާބު ނިމި ކެމްޕޭނު ފޮތިގަނޑުތައް ނެގުމުން އެ ރެނދުތައް އަލުން އާއްމުންގެ ލޮލަށް ފެންނާނެކަން ޔަގީނެވެ. އިންތިހާބުގެ މަސްލަހަތަށްޓަކައި ބަނޑަށް ހިންދައިގެން ތިބި ބަސްތައް ބޭރުވާނެ އެވެ. ޑީއާރްޕީގެ ލީޑާޝިޕްގެ މެދުގައި އަރައިރުންވަމުން ދިޔަ މައްސަލަތައް ހޫނުވެ، އަލުން ކެކިގަންނާނެވެ. އެ ދެބަސްވުންތަކުގެ ތެރެއަށް ޕާޓީ ވެއްޓިގެންދިއުމުން ސަލާމަތްކުރުމަށް ޓަކައި ޕާޓީ އެއްބައިވަންތަ ކުރުމުގެ މަސައްކަތުގައި މައުމޫން ކާމިޔާބުވެވަޑައިގެންނެވުން މުހިންމެވެ.