އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާއަށް ބަށި ކުޅިވަރު ތައާރަފްކޮށް، ބަށި މުބާރާތެއް އެ ދެ ގައުމުގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބަށި އެސޯސިއޭޝަނުން ބުންޏެވެ.

އެ ޖަމިއްޔާގެ ރައީސް ސިޔާމާ އަހުމަދު "ސަން"އަށް ވިދާޅުވީ ބަށި ކުޅިވަރަކީ ހަމައެކަނި ދިވެހިންގެ ތެރޭގައި ކުޅޭ ކުޅިވަރެއް ކަމަށާއި ބޭނުންވަނީ ކައިރި މުސްތަޤްބަލެއްގައި ރާއްޖެއިން ބޭރަށް ކުޅިވަރު ތައާރަފް ކުރުން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ބައްޓަކީ ހަމައެކަނި ރާއްޖޭގައި ކުޅޭ ކުޅިވަރަކަށް ނަހަދައި ބޭރުގެ ޤައުމުތަކަށް ވެސް މިކުޅިވަރު ތައާރަފް ކުރަން. މިއީ މި ކުޅިވަރަށް ވެސް ލިބޭނެ ކުރި އެރުމެއް،" ސިޔާމާ ވިދާޅުވި އެވެ.

ސިޔާމާ ވިދާޅުވީ މިއަހަރު ފަހުކޮޅު އިންޑިއާގެ ހައި ކޮމިޝަނާއި އެ ގައުމުގެ ޖަމިއްޔާއަކާ ގުޅިގެން އިންތިޒާމް ކޮށްގެން ބާއްވާ ބަށި މުބާރާތެއް އިންޑިއާގައި ބޭއްވޭތޯ މަސަތްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އަންނަ އަހަރު ފެބްރުއަރީ މަހުގައި ސްރީލަންކާގައި ވެސް ބަށި މުބާރާތެއް ބޭއްވުމަށް ވިސްނަމުންދާ ކަމަށް ވެސް ސިޔާމާ ވިދާޅުވި އެވެ.

"މިއަހަރު ފަހުކޮޅު އިންޑިއާގައި ބަށި މުބާރާތެއް ބޭއްވޭތޯ މިބަލަނީ. ބޮޑަށް ލަފާކުރެވެނީ ނޮވެމްބަރު މަހު ހިސާބު ބޭއްވޭނެ ކަމަށް. މިއީ ރާއްޖޭގެ ބަށި އެސޯސިއޭޝަން އާއި އިންޑިއާގެ ހައިކޮމިޝަނާއި އަދި އެ ގައުމުގެ ކޮމިއުނިޓީ ޖަމުއިއްޔާއެއް ގުޅިގެން އިންތިޒާމް ކުރާ މުބާރާތެއް. އަޅުގަނޑުމެން މިބަލަނީ އަންނަ އަހަރު ފެބްރުއަރީ ހިސާބު ލަންކާގައި ވެސް މީގެ މުބާރާތެއް ބޭއްވޭތޯ،" ސިޔާމާ ވިދާޅުވި އެވެ.

ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ ތައާރަފް ކުރެއްވި ބަށި ކުޅިވަރަކީ ދިވެހި އަންހެނުންގެ ތެރޭގައި މަޤްބޫލު ކުޅިވަރެކެވެ.