ރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ރާއްޖޭގެ ސްކޫލްތަކަށް ވީޑިއޯ ކޮންފެރެންސްގެ ހިދުމަތް ތަޢާރަފް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ހއ. އަދި ހދ. ގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަމާޒްކޮށްގެން އީއްޔެ އާއި މިއަދު ކުރިއަށް ގެންދިޔަ ޓްރޭނިންގް ޕްރޮގުރާމް ނިންމުމުގެ ރަސްމީއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޢައިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަކީ އެންމެ ފުރިހަމަ އަށް ވަސީލަތްތައް ގާއިމް ކުރެވިފައިވާ ސްކޫލްތަކެއް ނޫން ކަމަށެވެ. ވަސީލަތްތައް ހުރި ސްކޫލްތަކުން ވަސީލަތްތައް ނެތް ސްކޫލްތަކަށް މައުލޫމާތާއި އެހެނިހެން ކަންކަން ހިއްސާ ކުރުމަށްޓަކައި ސްކޫލްތަކަށް ވަރަށް އަވަހަށް ވީޑިއޯ ކޮންފެރެންސްގެ ހިދުމަތް ތަޢާރަފް ކުރާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"ސްކޫލްތަކުގައި ވީހާވެސް ގާތުން ހިދުމަތް ދިނުމަށްޓަކައި އަދި އެއް ސްކޫލް އަނެއް ސްކޫލާއި މައުލޫމާތު ހިއްސާ ކުރުމަށްޓަކައި އެކަން ކުރެވޭނެ ގޮތްތަކެއް ގާއިމް ކުރުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން. އެގޮތުން އިރާދަ ކުރެއްވީއްޔާ ވަރަށް އަވަހަށް ސްކޫލްތަކަށް އަޅުގަނޑުމެން ވީޑިއީ ކޮންފެރެސް ތައާރަފްކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ އެކި ސްކޫލްތައް އެ ސްކޫލާއި އަނެއް ސްކޫލާއި ދެމެދު މައުލޫމާތު ހިއްސާކޮށް ގުޅިގެން މަސައްކަތް ކުރާނެ ނިޒާމްތަކެއް ގާއިމް ކުރުން ކަމަށެވެ.