ނުރައްކާތެރި އެބޯލާ ވައިރަސް ފެތުރޭ ގައުމެއް ކަމަށްވާ ނައިޖީރިއާއަށް ދަތުރުކޮށްފައި ވާތީ، އަދި ބަލި ހުރި ކަމަށް ތުހުމަތުކުރެވިގެން ފޮރިން މިނިސްޓްރީއަށް ރިޕޯޓްކުރުމުން އެކަހެރިކޮށްފައިވާ މީހާގެ ފަރާތުން އެބޯލާގެ އަލާމާތްތައް ނުފެންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ އެކަހެރި ކުރި މީހާ އެކަހެރި ކުރަން ޖެހުނީ އޭނާ އެބޯލާ ފެތުރޭ ގައުމަކަށް ދަތުރުކޮށްފައި ވާތީ ކަމަށާއި އަދި ބަލިވެ، އުޅޭ ކަމަށް ފޮރިން މިނިސްޓްރީއަށް ރިޕޯޓް ކުރުމުން ކަމަށެވެ. އަދި އެ މީހާ ފޮރިން މިނިސްޓްރީއަށް ދިޔައީ އޭނާގެ އަމިއްލަ ބޭނުމަކަށް ކަމަށް ހެލްތުން ބުނެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ ވިދާޅުވީ އެ މީހާ ބެލުމަށްފަހު އޭނާގެ ގައިގައި ހުން ނެތް ކަމަށާއި އެބޯލާގެ އެއްވެސް އަލާމާތެއް ނެތް ކަމަށެވެ. އަދި އޭނާ ވަރުބަލިވީ ކާން ނުލިބި ގިނަ އިރުވުމުން ކަމަށް އޭނާ އަމިއްލައަށް ވެސް ބުނެފައިވާ ކަމަށް ޑރ. އަރޫނާ ވިދާޅުވި އެވެ.

"އެބޯލާގެ އެންމެ ބޮޑު އަލާމާތަކީ ހުން އައުން. ކުއްލިއަކަށް ހުން އަންނާނެ. ވަރަށް ގަދަޔަށް ހުން އަންނާނެ. އަދި އެބޯލާ ނަމަ މީހާ ވަރަށް ވަރު ބަލި ވާނެ. ބޮލުގައި ރިއްސާ ގައިގައި ރިއްސާ ހުޅުހުޅުގައި ރިއްސާ އެކަހަލަ އަލާމާތްތައް ފެންނާނެ. އެކަހަލަ އަލާމާތެއް ނުފެނުނު،" ޑރ. އަރޫނާ ވިދާޅުވި އެވެ.

އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވީ ނައިޖީރިޔާއިން އައި މީހެއް ވީމަ ޓެސްޓު ކުރުމަށް ކަމަށާއި ނަމަވެސް އޭނާގެ ގައިގައި ހުން ނެތުމުން އޭނާއާއެކު އުޅުނު އިތުރު އެއްވެސް މީހަކަށް އެބޯލާގެ ބިރެއް ނެތް ކަމަށް ޑރ. އަރޫނާ ވިދާޅުވި އެވެ.

ޑރ. އަރޫނާ ވިދާޅުވީ 24 ގަޑިއިރު ވަންދެން އޭނާ ހުން އަންނަތޯ ބަލާނެ ކަމަށާއި ހުން އަތުވެއްޖެނަމަ ރާއްޖޭން ބޭރަށް ފޮނުވައިގެން ޓެސްޓު ކުރާނެ ކަމަށެވެ. އެބޯލާއަށް ޓެސްޓު ކުރެވެން ރާއްޖޭގައި ނެތުމުން އެބޯލާއަށް ޓެސްޓު ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ޕޫނޭ ލެބޯޓްރީއަށް ފޮނުވައިގެންނެވެ.

ޑރ. އަރޫނާ ވިދާޅުވީ އެބޯލާ ފެތުރޭ ގައުމު ތަކުން މިހާތަނަށް 109 މީހަކު ރާއްޖެ އައިސްފައިވާއިރު، 72 މީހަކު މިހާތަނަށް ސާވަލައިންސް ކޮށްފައިވާ ކަމަށެވެ. އަދި މިވަގުތު 27 މީހަކު ސާވަލައިންސް ކުރަމުން އަންނަ ކަމަށެވެ. އަދި އެބޯލާ ހުރި ކަމަށް މިއަދު ޓެސްޓު ކުރި މީހާއަކީ ވެސް ސާވަލައިންސް ހަދާފައި ހުރި މީހެއް ކަމަށް ހެލްތުން ބުނެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެބޯލާ ފެތުރޭ ގައުމު ތަކުން މިހާތަނަށް މީހުން ރާއްޖެ އެތެރެވެފައި ވަނީ ނައިޖީރިޔާއިން އެކަނި ކަމަށެވެ.

ޓުއަރިސްޓު ވިސާގައި މަސައްކަތެއް ހޯދުމަށް އެ މީހާ ނައިޖީރިޔާއިން ރާއްޖެ އެތެރެވެފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މި ދިޔަ އޯގަސްޓް ހަ ވަނަ ދުވަހާ ހަމައަށް ހުޅަނގު އެފްރިކާގެ ގައުމުތަކުން މިބަލި ޖެހިފައިވާ 1711 މީހުން ފެނިފައިވާއިރު މިބަލި ޖެހިގެން މިހާތަނަށް 932 މީހުން ވަނީ މަރުވެފަ އެވެ. މިއީ 1976ގެ ފަހުގެ ތާރީޚެއްގައި އެންމެ ގިނައިން އެބޯލާ ބަލި ފެނުނު ފަހަރެވެ. ނައިޖީރިޔާ އަކީ އެބޯލާ ފެތުރޭ ގައުމުތަކުގެ ތެރެއިން ލޯރިސްކް ގައުމެކެވެ.

ހެލްތުން ބުނީ އެބޯލާ އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތައް ކަމަށްވާ ސިއެރަލިއޯން އާއި ގިނީއާއި ލައިބީރިއާ އަށް ވޭތުވެދިޔަ 21 ދުވަހުގެ ތެރޭ ދަތުރު ކުރި އެއްވެސް މީހަކު މިހާތަނަށް ރާއްޖެ އެތެރެ ވެފައިނުވާ ކަމަށެވެ.