22 Jan 2011, 12:22
ދިރާގުގެ ބައެއް ކަސްޓަމަރުންނަށް އެސްއެމްއެސް، އާއި ފޯން ކޯލްތަކުގެ އިތުރުން އިންޓަނެޓްގެ ޚިދުމަތް ރޭ މެދުކެނޑިގެން ދިޔައީ ދިރާގުގެ މައި ނެޓް ވޯކަށް ދިމާވި މައްސަލަ އަކާ ގުޅިގެން ކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު މިރުޝާން ހަސަން މިއަދު ވިދާޅުވީ, ރޭ 8:30 އެހާކަންހާއިރު ދިރާގުގެ މައިނެޓްވޯކަށް ދިމާވި މައްސަލައެއްގެ ސަބަބުން ބައެއް ކަސްޓަމަރުންގެ ފޯނާއި އިންޓަނެޓް ހިދުމަތް މެދުކެނޑުނު ކަމަށެވެ. އެ މައްސަލަ ހައްލުވީ 11 ޖަހާއެކަންހާއިރު ކަމަށް ވެސް މިރުޝާން ވިދާޅުވި އެވެ. ނަމަވެސް، އެއީ ކޮން މައްސަލައެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ދިރާގުގެ ނެޓްވޯކަށް ދިމާވި މައްސަލަ އާއި ގުޅިގެން ބައެއް ފޯނުތަކަށް ރޭ ނުގުޅެ އެވެ. އަދި އެސްއެމްއެސް އާއި އިންޓަނެޓްގެ ޚިދުމަތް ވެސް އެކަށީގެންވާ ގޮތެއްގައި ނުލިބެ އެވެ.
ދިރާގުގެ ނެޓްވޯކަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ވަނީ ބަޔަކު ހަމަލާދީފަ އެވެ. އަދި އެ މައްސަލަ އާ ގުޅިގެން 18 އަހަރުން ދަށުގެ ތިން ކުއްޖަކާއި އުމުރުން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައި ވެއެވެ. ނަމަވެސް، ހައްޔަރުކުރި ކުޑަކުދިން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.