ދުނިޔޭގެ ފެނަކީ އިރާއި ސޯލާ ސިސްޓަމް (ޝަމްސީ ނިޒާމަށް) ވުރެ ވެސް ކުރިން އުފެދުނު އެއްޗެއް ކަމަށް އެމެރިކާގެ ހޯދުންތެރިން ބުނެފި އެވެ.

ރޮއިޓާސް އިން ބުނި ގޮތުގައި ދުނިޔޭގެ ކަނޑުގައި އާ، ޖައްވުން ދުނިޔެ އަށް ވެއްޓިފައިވާ މީޓިއޮރައިޓެއްގައި އާ، ލުނާރް ކްރޭޓާސްގައި ގަނޑުވެފައި ހުރި ފެން ޓެސްޓްކޮށް ބެލުމުން އެ ފެނަކީ އަހަރުމެންގެ ވަށައިގެންވާ ޝަމްސީ ނިޒާމަށް ވުރެ ކުރިން އުފެދިފައިވާ އެއްޗެއްކަން އެމެރިކާގެ ހޯދުންތެރިންނަށް ވަނީ ޔަގީން ކުރެވިފައިވާ ކަމަށެވެ.

"ދުނިޔޭގައި ހުރި ފެނަކީ އިރާއި ޝަމްސީ ނިޒާމަށް ވުރެ ކުރިން އުފެދުނު އެއްޗަކަށް ވުމަކީ އަޖައިބުކުރުވަނިވި ކަމެއް" ދުނިޔޭގެ ފެން ޓެސްޓުކުރި އެ ހޯދުމުގައި އިސް މަގާމެއްގައި ހުރި، ޔުނިވާސިޓީ އޮފް މިޝިގަންގެ އެސްޓްރޮނޮމާ އެއް ކަމަށްވާ އައިލް ކްލީވްސް މީޑިއާއަށް ބުންޏެވެ.

އިރު އުފެދުމުގެ ކުރިން ސޯލާ ސިސްޓަމްގައި ފެން ދައުރުވާގޮތް ދައްކާދޭ ކުރެހުމެއް---


މިހަފްތާގެ "ސައިންސް ޖާނަލް" އެޑިޝަންގައި އާންމުކޮށްފައިވާ އެ ހޯދުމުގައި ބުނެފައިވާ ގޮތުން ނަމަ ތަފާތު ސަބަބުތަކާ ހުރެ ކުރީގައި ޝަމްސީ ނިޒާމަކަށް ފެނެއް ނުއުފެއްދެ އެވެ. އެހެންވުމުން ފެން އުފެދޭނެ ދެން އޮތް ގޮތަކީ ކެމިކަލުން ފުރިފައިވާ އިންޓާސްޓެލާ ގޭހުން ފެން އުފެދުން ކަމަށެވެ. އެއިންޓާސްޓެލާ ގޭހަކީ ޝަމްސީ ނިޒާމު ވެސް އުފެއްދި ގޭސް ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.

"އަލުން ފެން އުފެދޭނެ އެއްވެސް ގޮތެއް ނެތުމުން، އެގަނޑުފެން ހެދުނީ ޝަމްސީ ނިޒާމު ވެސް އުފެދުނު އިންޓާސްޓެލާ ގޭހުން" ލޯރެން ކްލީވްސް، ޔުނިވާސިޓީ އޮފް މިޝިގަންގެ ޑޮކްޓޯރަލް ދަރިވަރެއް އަދި ހޯދުމުގައި ބައިވެރިވި ސައިންސްވެރިއެއް ރޮައިޓާސް އަށް ބުންޏެވެ.

ގިނަ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ފެން ހުންނަ ޕްލެނެޓްގައި ދިރުންވާނޭ ކަމަކީ ގަބޫލުކުރަން އެހާ ދަތިކަމެއް ނޫނެވެ.

"... ބައެއް އެކްޒޯޕްލެނެޓުތަކުގައި ރަނގަޅު ކޮންޑިޝަންތަކަކާ އެކު ފެން ހުރެފި ނަމަ، އަހަރުމެންގެ ދުނިޔޭގައި ނުވާފަދަ އެހެން ދިރުމެއް ޝަމްސީ ނިޒާމުގައި ހުރުމަކީ އެކަށީގެންވާކަމެއް،" އެ ހޯދުމުގައި ބައިވެރިވި ޔުނިވާސިޓީ އޮފް އެކްޒީޓާގައި ކިޔަވާދޭ ޕްރޮފެސަރެއް ކަމަށްވާ ޓިމް ހެރީސް މީޑިއާއަށް ބުންޏެވެ.