29 Sep 2014, 13:09
މަސްދޯންޏަކުން މ. މުލަކާއި އެއްމެއިލް ބޭރު ފަޅެއްގައި އިއްޔެ އެން ދަމަން އުޅުނު އިރު އާދައިގެ މަތިން ބައެއް ފަޅުވެރިން ތިބީ މޫދުގަ އެވެ.
މޫދުގައި އޮތް މުހައްމަދު ހަސަން (އަސްލުނަމެއް ނޫން) އުޅުނީ ވަރަށް ބުރަކޮށް މަސައްކަތުގަ އެވެ. އަޑީގައި އޮވެފައި ކުއްލިއަކަށް އޭނާ މައްޗަށް އަރައި ބެލި އިރު ދޯނި އެހިސާބުދޫކޮށް ދަނީ އެވެ. އޭނާ ހަނާ އަޅައި ގޮވާ ވެސް ދޯނި ހަބަރެއް ނުވެ، ދޯނި ދިޔަ ގޮތަށް ދިޔައީ އެވެ. އޭނާ އަށް ލަފާކުރެވުނު ގޮތުގައި ދޯނި ދިޔައީ މުލަކަށެވެ.
މޫސުން ރަނގަޅު ދުވަހެއް ކަމުން މުހައްމަދު ގަސްތުކުރީ އޭނާ ހުރި ފަރުން ފެށިގެން މޭލެއްހާ ދުރުގައި އޮތް މުލަކަށް ފަތާފައި ދިއުމަށެވެ. އެގޮތުން އޭނާ ކަނޑު ހުރަސްކޮށް ފަތާފައި ދިޔަ އިރު އޭނާއާ ބަޔަކާއި ދިމާވި އެވެ. އެއީ ވ. އަތޮޅު ކައުންސިލުން މުއްޔަށް މުސާރަ ބަލައި ދިޔަ ލޯންޗެއްގައި ތިބި މީހުންނެވެ. އެމީހުންނަށް މުހައްމަދު ފެނުމުން އޭނާ އެލޯންޗަށް ލައިގެންގެން ގޮސް މުލަކު ޕޮލިސް ސުޓޭޝަނާ ހަވާލުކުރި އެވެ.
މުލަކު ކައުންސިލު މެމްބަރު އިބްރާހިމް ލަތީފް މިއަދު ސަން އަށް ވިދާޅުވީ ދޯނިން މޫދުގައި ބާއްވާފައި ދިޔަ މުހައްމަދު އެ ރަށަށް ގެނައިިރު އެރަށުގެ ފަޅުތެރޭގައި އޭނާ މަހަށް ދިޔަ ދޯނި އޮތް ކަމަށެވެ.
"ޕޮލިހުން ގޮސް އެދޯނީގެ ކެޔޮޅު ކައިރީ މި ދޯނިން އެކަކު ވެސް މަދުހޭ ސުވާލުކުރުމުން ކެޔޮޅު ބުނީ މަދެއް ނޫނޭ، ދެން ފުލުހުން މޫދުގައި ބޭއްވި މީހާ ދައްކާފައި މިއީ ކާކުހޭ ބުނުމުން ބުނި އާނތިއީ މިދޯނީގެ މީހެކޭ. އެހިސާބުން އަދި ކެޔޮޅަށް އެނގުނު ކަމަށް ވަނީ މީހަކު މަދުކަން،" ލަތީފް ވިދާޅުވި އެވެ.
މުހައްމަދާ ހަވާލާދީ ލަތީފް ވިދާޅުވީ އޭނާ ސަލާމަތް ވާނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. ނަމަވެސް މުހައްމަދުގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި އެމައްސަލަ މުލަކު ޕޮލިސް ސްޓޭޝަން އިން ބަލަމުން އަންނަ ކަމަށެވެ.