22 Jan 2011, 10:13
ދުނިޔޭގެ ހިންދީ ބަހުގެ ދުވަސް މާލޭގައި ފާހަގަ ކޮށްފި އެވެ.
އިންޑިއަން ހައި ކޮމިޝަނުން އިންތިޒާމުކޮށްގެން އިއްޔެ ހަވީރު އިސްކަންދަރު ސްކޫލުގައި ބޭއްވި ހަފްލާގައި ރާއްޖޭގައި ދިރިއުޅޭ ހިންދީ ބަހުން ވާހަކަ ދައްކާ އިންޑިއާ މީހުންނާއި ހިންދީން ވާހަކަ ދައްކަން ދަންނަ ގިނަ ދިވެހިން ބައިވެރިވި އެވެ.
އެ ހަފްލާގައި ހިންދީ ބަހުން މަޒުމޫނު ލިޔުމުގެ މުބާރާތަކާއި، ހިންދީ ލަވަޔާއި ޅެން ކިއުމުގެ މުބާރާތަކާއި، ހިންދީ ބަހުން ވާހަކަ ދެއްކުމުގެ މުބާރާތެއް ބޭއްވި އެވެ.
މުބާރާތްތަކުން ވަނަ ވަނައަށް އައި ފަރާތްތަކަށް އިންޑިއަން ހައި ކޮމިޝަނުގެ ފަރާތުން ތަފާތު އިނާމުތައް ކަނޑައަޅާފައިވެ އެވެ.
އެ ހަފްލާއަކީ ހިންދީ ބަހުން ވާހަކަދައްކާ ދިވެހިންނަށް ބޮޑަށް އަމާޒު ކޮށްގެން ބޭއްވި ހަފްލާއެއް ނަމަވެސް ދިވެހިން ބައިވެރިވި މިންވަރު މަދުކަން އެ ކޮމިޝަނުން ފާހަގަ ކުރި އެވެ. އަދި އެފަދަ ދުވަހެއް ރާއްޖޭގައި ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ މީހުން ހިންދީ ބަހާމެދު އަހުލުވެރި ކުރުމާއި، ރާއްޖެއާއި އިންޑިއާއި ދެމެދުގައި އޮންނަ އެކުވެރިކަން އިތުރަށް އާލާ ކުރުން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ރޭގެ ހަފްލާގެ ޝަރަފްވެރި މެހެމާނަކީ ދިވެހި ބަހުގެ މާހިރެއް ކަމުގައިވާ އަބްދުﷲ ސޯދިގު ]ސޯދުބެ[ އެވެ. ސޯދުބެ ވާހަކަ ދެއްކެވީވެސް ހިންދީ ބަހުންނެވެ.