29 Sep 2014, 10:45
(ހޮންކޮން 29 ސެޕްޓެމްބަރު) ހޮންކޮންގެ ޗީފް އެގްޒެކެޓިވް ހޮވުމަށް 2017 ވަނަ އަހަރު ބާއްވާ އިންތިހާބަށް މީހުން ކުރިމަތިލުމުގެ ފުރުސަތު ޗައިނާ ސަރުކާރުން ހަނިކުރާތީ ހޮންކޮން މީހުން ޗައިނާ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުން އެބަދެ އެވެ.
ހޮންކޮންގެ ސަރަހައްދީ ސަރުކާރުގެ އިމާރާތްތައް ހުންނަ ސަރަހައްދުގައި ރޭ މުޒާހަރާކުރި އެތައް ހާސް ބަޔަކު އެތަނުން ދުރަށް ލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފަ އެވެ. ރޭ މުޒާހަރާކުރި މީހުންގެ ތެރެއަށް ކަރުނަގޭހާއި ޖަހާފައިވާތީ މިއަދު ނުކުތް މީހުން ތިބީ ސާޖިކަލް މާސްކާއި ކުޑަ ހިފައިގެންނެވެ.
ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އެންގުމުން މުޒަހާރާގެ ބައިވެރިން ބުނެފައި ވަނީ ވޯޓްލާ މީހުންގެ ހައްގުގައި ހޮންކޮންގެ ޗީފް އެގްޒެކެޓިވް ލިޔުން ޗުން ޔިން ކަމެއް ކުރައްވަން އެދޭ ކަމަށެވެ.
"...ހޮންކޮންއަށް ޓަކައި ކޮންމެވެސް ރަނގަޅުކަމެއް ކުރޭ. އަހަރެމެން ބޭނުން ވަނީ ހަގީގީ ޑިމޮކްރަސީ،" މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔަ އެވެ.
ހޮންކޮން މީހުން އިއްޔެއާއި މިއަދު ވަރުގަދަ މުޒާހަރާ ކުރީ ވަކިވަރަކަށް މިނިވަންކަން އޮންނަ އެސަރަހައްދުގެ ޗީފް އެގްޒެކެޓިވް ފުރަތަމަ ފަހަރަށް ވޯޓަކުން ހޮވުމަށް ޗައިނާގެ މައި ސަރުކާރުން ވައުދު ވުމަށް ފަހު އެ ވައުދާ ހިލާފުވާން އުޅޭތީ އެވެ. އެގޮތުން ޗީފް އެގްޒެކެޓިވް ހޮވުމަށް 2017 ވަނަ އަހަރު ވޯޓުލާ ގޮތަށް ހަމަޖެއްސި ނަމަވެސް މަގާމަށް ކުރިމަތި ލުމަށް މީހުންނަށް ފުރުސަތު ނުދީ ވާދަކުރާނެ މީހުން ޗައިނާ ސަރުކާރުން ކަނޑައަޅާ ގޮތަށް ޗައިނާ އިން ވަނީ ހަމަޖައްސާފަ އެވެ.