އަހްމަދު އާބާދު (ސެޕްޓެމްބަރ 29) : އިންޑިޔާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތުގެ ވަޑޮޑަރާގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު ހިނގި ކުރިމަތިލުންތަކަކާ ގުޅިގެން 40 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިކަން އެސްޓޭޓްގެ ފުލުހުން ހާމަކޮށްފި އެވެ.

ގުޖުރާތުގެ ފުލުހުންބުނާ ގޮތުން މި 40 މީހުން ހައްޔަރުކުރީ ވެޑުޑަރާ ގައި މުސްލިމުންނާއި ހިންދޫން އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އޮށްގަލާއި ބިއްލޫރި ފުޅިފަދަ ތަކެތިން ޙަމަލާދީ އެއްބަޔަކު އަނެއްބައެއްގެ ކާރާއި ވެހިކަލްތަކަށް ގެއްލުންދީ ތަންތަން ރޯކޮށް ހަމަނުޖެހުންތައް ހިންގަމުން ގެންދާތީ މިކަންތައް ހުއްޓުވުމުގެ ގޮތުންނެވެ. މިހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ މުސްލިމުންކަން ނޫނީ ހިންދޫންކަން ފުލުހުން ހާމަ ނުކުރި ނަމަވެސް ގިނައިން ހައްޔަރުކޮށްފައި ވަނީ މުސްލިމުން ކަމަށްޚަބަރުތައް ބުނެ އެވެ. ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ގުޖުރާތުގެ ފުލުހުން ކަރުނަ ގޭސްވެސް ބޭނުންކުރިކަމަށް އިންޑިޔާގެ މީޑިޔާ އިން ބުނެފައިވާ އިރު ބައިނަލްއަގްވާމީ މީޑިޔާ އިން ވެސްވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

ގުޖުރާތުގެ ވަޑޮޑަރާގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު ކުރިމަތިލުންތައް ހިނގަން ފަށާފައި މިވަނީ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް އެސްޓޭޓްގެ ބަޔަކު ސޯޝަލް މީޑިޔާގައި ޝާއިއުކުރި ލިޔުމަކާ ދެކޮޅަށް މުސްލިމުން ކުރި ސުލްޙަވެރި އިޙްތިޖާޖްތަކަކާ ގުޅިގެންކަމަށް ފެށުމާ ގުޅިގެން ކަމަށްވެ އެވެ.

ގުޖުރާތަކީ 2002 ވަނަ އަހަރު ވެސް ހަރުކަށި ހިންދޫން މުސްލިމުންނާ ދެކޮޅަށް ވަރުގަދަ ހަމަނުޖެހުންތަކެއް ހިންގައި މުސްލިމުންގެ އެތައްބަޔަކު އަނިޔާވެރި ގޮތަކަށް މަރާލުމުގެ ޖަރީމާތަކެއް ހިންގާފައިވާ ސްޓޭޓެކެވެ. އެހަމަނުޖެހުންތައް ހިންގީ ދޮގު ތުހުމަތުތަކެއް މުސްލިމުންނާ ދެކޮޅަށް ކުރުމަށްފަހުގަ އެވެ. އެދުވަސްވަރު އެ ސްޓޭޓްގެ ވެރިއަކަށް ހުންނެވީ އިންޑިޔާގެ މިހާރުގެ ބޮޑުވަޒީރު ނަރަންދްރަ މޯދީ އެވެ. މޯދީގެ މައްޗަށް ވަނީ ހަރުކަށި ހިންދޫން މުސްލިމުންނާ ދެކޮޅަށް މީހުން މެރުމުގެ ޖަރީމާތައް ހިންގައި އެތައް ސަތޭކަ ބަޔަކު މަރާލި އިރު އެޖަރީމާތައް ހުއްޓުވަން މަސައްކަތް ނުކުރެއްވި ކަމުގެ ތުހުމަތެވެ. (ރޮއިޓާސް)