މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ގެއްލުނު މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރު ކުރެވިފައި ވަނީ ފުލުހުންގެ ތަހުގީގަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ސަބަބުން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ ރިޟުވާން ހޯދުމަށް ކުރާ މަސައްކަތުގައި ތިން މީހަކު ހައްޔަރު ކުރުމުން އެކި ފަރާތްތަކުން ތަފާތުގޮތްގޮތަށް ވާހަކަދައްކަމުން ގެންދިޔަ ނަމަވެސް އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ތަހުގީގަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ސަބަބުން ކަމަށެވެ.

"އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ވަނީ ފުލުހުންގެ ތަހުގީގަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ސަބަބުން،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރިޟުވާން ހޯދުމަށް ކުރާ މަސައްކަތުގައި ގިނަ ފަރާތްތަކުން މިހާތަނަށް ފުލުހުންނަށް އެކަމާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި އަދި ވެސް އިތުރު މައުލޫމާތު ބޭނުންވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނޮކޮށް އެ މައުލޫމާތު ފުލުހުންނަށް ހިއްސާކޮށްދިނުމަށް އޭނާ ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

"އަދިވެސް އިތުރު މައުލޫމާތު ތަހުގީގަށް ބޭނުންވޭ. މި މައްސަލައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވަ ފާރާތެއް ވާނަމަ ލަސްނުކޮށް އެ މައުލޫމާތެއް ފުލުހުންނަށް ހިއްސާކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރިޟުވާން ގެއްލުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން އެކެއްގެ ބަންދަށް ހަތް ދުވަސް އަދި ދެން ތިބި ދެ މީހުންގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ވަނީ މިއަދު ޖަހައިދީފައެވެ.

ރިޟުވާން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މާލޭ އާއި ހުޅުމާލޭ އާއި ވިލިމާލޭގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްތަށް ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ.

ފުލުހުން ބުނީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް ވީޑިއޯ ފުޓޭޖް ހޯދައި އެތަކެތި ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ތަހުގީގަށް ލިބިފައިވާ ފޮރެންސިކް ބައެއް ހެކިތައް އިތުރަށް ތަހުލީލު ކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.