ދެހާސް ދިހަ ވަނަ އަހަރު ލ.ގަމު މުކުރިމަގު އަވަށުގައި ގްރޫޕަކުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް މިއަދު ފަށައިފިއެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ހަވީރު ހިންގި އެ ހަމަނުޖެހުންތަކާ ގުޅިގެން 22 މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ ކުށުގެ ދައުވާ އެވެ. އެ މައްސަލަ ޝަރީއަތަށް ފޮނުވާފައި ވަނީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

ލ. ގަމު މުކުރިމަގު އަވަށުގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންނަށް އިންޒާރުދީ، ގްރޫޕް ހަދައިގެން ގިނައަދަދެއްގެ ހަތިޔާރު ހިފައިގެން މުކުރިމަގު އަވަށަށް ގޮސް އެ އަވަށުގެ އެކި ތަންތަން ހަލާކުކޮށް ތަންތަނަށް ގެއްލުންދީ ބައެއް ތަންތަނުގައި އެމީހުން އަލިފާން ރޯކޮށްލާފައިވާ ކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެފައި ވަނީ 18 މީހެކެވެ. އެ އެންމެން ވެސް ވަނީ ދައުވާ އަށް އިންކާރު ކުރުމަށްފަހު ވަކީލަކު ހަމަޖައްސަން ފުރުސަތަކަށް އެދިފައެވެ. ގާޒީ ވަނީ އެމީހުން އެދުނުގޮތުގެމަތިން އެ ފުރުސަތުދެއްވާފައެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ބާކީ ތިބި މީހުން ކޯޓަށް ހާޒިރުވެފައި ނުވަނީ އެމީހުންނަށް ޗިޓު ރައްދުނުކުރެވޭތީ ކަމަށެވެ.