28 Sep 2014, 19:08
ޖަމިއްޔަތުއް ސަލަފުން ބާއްވަމުން އަންނަ ދީނީ ނަސޭހަތް ދިނުމުގެ ހަރަކާތެއް ކަމަށްވާ "ދަ ކޯލް" މިފަހަރު ބާއްވާނީ ކުރިއަށް ވުރެ ފުޅާކޮށް ކަމަށް އެ ޖަމިއްޔާގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު ވިދާޅުވެއްޖެ އެވެ.
އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އެ ހަރަކާތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޢަލީ ވިދާޅުވެފައި ވަނީ ކުރީ އަހަރާ ހިލާފަށް ދަ ކޯލް ގެ ހަރަކާތް މިފަހަރު އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މިފަހަރު އަސްލު ކުރީ ދެފަހަރަށް ވުރެ ފުޅާކޮށް މިކަން ބާއްވަން ރޭވިފައި ވަނީ. ކުރީ ފަހަރުތަކުގައި އަޅުގަނޑުމެން އަމާޒުކޮށްފައި ވާނީ ހަމަ އެކަނި މާލެއަށް. އެހެން ނަމަވެސް މިފަހަރު އައްޑޫ، ފުވައްމުލަކުގައި ހަރަކާތްތައް ރޭވިފައި ވަނީ. އަދި މާލޭގެ އިތުރުނ ހުޅުމާލެއާއި ވިލިމާލޭގައި ވެސް ހަރަކާތް ކުރިއަށްދާނެ އިންޝާﷲ" ޢަލީ ވިދާޅުވިއެވެ.
އޮކްޓޯބަރުމަހުގެ 30 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރުމަހުގެ ދެވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ އެހަރަކާތުގައި ކެނެޑާގެ މަޝްހޫރު އިލްމުވެރިޔާ ޑރ. ބިލާލު ފިލިޕްސް އާއި އިސްލާމްދީނަށް ގޮވައިލައްވާ ބޭފުޅެއް ކަމަށް އިނގިރޭސިވިލާތުގެ ޢަބުދުއް ރަޙީމް ގްރީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޖަމިއްޔަތުއް ސަލަފުން ބުންޏެވެ.