28 Sep 2014, 18:54
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ ތަމްރީން ކުރުމަށް އިންޑިއަން ހައިކޮމިޝަންގެ ފަރާތުން (އެޑްވޮކޭޑިން ދަ ރައިޓްސް އޮފް ޗިލްޑްރަން) އާކް އަށް 125،000 ރުފިޔާ ހަދިޔާކޮށްފި އެވެ.
އިންޑިއާއަށް ގޮސް ތަމްރީނު ހޯދުމަށް އާކް އިން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމަށް އެހީ ވުމުގެ ގޮތުން އިންޑިއަން ހައިކޮމިޝަންގެ ފަރާތުން އާކް އަށް 125،000 ރުފިޔާ ހަދިޔާކުރީ އިންޑިއަން ހައިކޮމިޝަން މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ފައިސާ އާކްއާ ހަވާލުކޮށްދެއްވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަރީފު ރާޖީވް ޝަހާރޭ އެވެ. އާކްގެ ފަރާތުން އެ އެހީއަށް ހަވާލުވީ ހައުލާ އަހުމަދު ދީދީ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާ ސަފީރު ޝަހާރޭ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީނު ކުރުމަކީ އެ ކުދިންނަށް ލިބެންވާ ތައުލީމު ފުރިހަމައަށް ލިއްބައިދޭން ވަރަށް މުހިންމު ކަމެއް ކަމަށާއި އެ ތަމްރީނުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތައުލީމަށް ފައިދާތަކެއް ކުރާނެ ކަމަށެވެ.
"މި އެހީގެ ސަބަބުން ޓީޗަރުންނަށް ގޮސް އިންޑިއާގައި ތިބެ ތަމްރީނުވުމުގެ ފުރުސަތު ލިބޭނެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެކަށީގެންވާ ތައުލީމެއް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. ވަރަށް އަވަހަށް އިންޑިއާގައި ހުރުމާއި ދަތުރު ހަރަދުގެ އިތުރުން ޓިއުޝަންފީ ލިބޭނެ ގޮތައް ސްކޮލާޝިޕެއް މިދާއިރާގެ ޓީޗަރުންނަށް ދޭނަން،" ޝަހާރޭ ވިދާޅުވި އެވެ.
އާކްގެ ފަރާތުން ހައުލާ ވިދާޅުވީ ހައިކޮމިޝަންގެ އެހީގެ ދަށުން އެ ތަމްރީނު ޕްރޮގްރާމުގައި މާލެ އާއި ކުޅުދުއްފުށި އަދި ގދ. ތިނަދޫގެ އިތުރުން ފުވައްމުލަކުގެ ޓީޗަރުން ބައިވެރިވާނެ ކަމަށެވެ. އަދި އެ އެހީއަކީ އާކް އަށް ވަރަށް ބޭނުންތެރި އެހީއެއް ކަމަށާއި އެ އެހީއަށްޓަކައި އޭނާ އިންޑިއަން ހައިކޮމިޝަނަށް ޝުކުރު އަދާކުރެއްވި އެވެ.