އުމުރުން ދޮށީ މީހުންނަށް ސަރުކާރުން ދޭ 2000ރ. އަކީ ގާނޫނަކުން ލާޒިމްކޮށްގެން ސާރުކާރުން ދޭ އެއްޗެއް ކަމަށާއި އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ނުދިނަސް އެ ފައިސާ ދިނުން ހުއްޓުވާ ނުލެވޭނެ ކަމަށް ޑީއާރުޕީގެ އެއް ނައިބު ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ވެސް މެންބަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީން ވާދަކުރައްވާ ކެންޑިޑޭޓުން ރަސްމީކޮށް އިއުލާން ކުރުމަށް ރޭ ގިޔާސުއްދީން ސުކޫލުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުން ވޯޓުހޯދުމަށް ދައްކަމުން ގެންދާ ހަމައެކަނި ވާހަކަ އަކީ 65 އަހަރު ވެފައިވާ ކޮންމެ މީހަކަށް ދޭ 2000ރ.ގެ ވާހަކަ ކަމަށާއި އެނޫން އެހެންކަމެއް މި ސަރުކާރަށް ކޮށްދެވިފައި ނެތް ކަމަށެވެ. އަދި އެ 2000ރ. އަކީވެސް ޑީއާރުޕީގެ އަޣުލަބިއްޔަތު އޮތް ކޮމެޓީއަކުން ފާސްކުރި ގާނޫނަކުން ސަރުކާރުން ރައްޔިތުން ނަށް ދޭން މަޖުބޫރު ކުރި އެލަވަންސެއްކަމަށާއި އެމްޑީޕީއަށް ވޯޓް ނުލިޔަސް 2000ރ. ކަނޑާލެވިދާނެ ކަމަށް އެއްވެސް ބޭފުޅަކުގަބޫލުކޮށްގެން ނުވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
~
"މިއީ ވަރުގަދަ 2000ރ. އެއް. ރޭ ދުވަސްތަކެއް ކޮށްފައި ތަރައްގީގެ ވާހަކަ ދާއްކަމުން ރައީސް ނަޝީދަށް އެނގުނީ ގާނޫނަކުން ލާޒިމްކޮށްގެން ދޭން ޖެހޭ 2000ރ.ގެ ވާހަކަ ދައްކަން. ސަރުކާރަށް ދެ އަހަރު ވީއިރު އެނޫން ވާހަކައެއް ދާއްކާލަން ނުކެރުނީމާ އޭގެ މާނައަކީ މި ސަރުކާރަށް ނެތޭ ކަމެއް ކުރެވިފައެއް. އެ 2000ރ. އަކީ ޑީއާރުޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހަކުން... އަޅުގަނޑުމެންގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް ޗެއާކުރައްވާފައި އޮތް ކޮމެޓީއަކުން ގާނޫނަކުން އަޅުގަނޑުމެން ލާޒިމް ކޮށްފައި އޮތް އެއްޗެކޭ އެއީ. އެ އެއް ނުހުއްޓުވޭނެ އެމްޑީޕީއަކަށް ވޯޓް ނުލިޔަސް. ތިޔަ ބޭފުޅުން އޭގެ އަވައިގައި ޖެހިވަޑައިނުގަންނަވާތި،" އަލީ ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރަށް ދެ އަހަރު ދުވަސް ވެފައިވާ އިރު ސަރުކާރަށް ހޯދިފައިވާ ކާމިޔާބީތައް ކަމަށް އެމްޑީޕން ދައްކަމުން ގެންދަވާ ވާހަކަތަކަށް ގޮންޖައްސަވަމުން އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުން ރައްޔިތުން ބިކަހާލުގައި ޖައްސައި ރައްޔިތުންގެ އަތްމަތި ދަތި ކުރަމުންދާ ކަމަށާއި ކިޔަވާ ކުދިންނަށް ދިރާސީ އަހަރު ފެށެންވީ އިރަށް ޓެކްސްޓް ފޮތްތައް ވެސް ހަމަކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ ހާލަތު މިއަދު ބަދަލުކުރަންޖެހިފައިވާ ކަމަށް ވިދާޅުވެ އަލީ ވަހީދު ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ގައުމީ ގޮތުންނާއި ފަރުދީގޮތުން މިއަދު ދިވެހި ރައްޔިތުންގެމައްޗަށް ލާޒިމްކަމެއް ކަމަށް ވިދާޅުވެފަ އެވެ.

"ހާމުދުރުންތަކެއްހެން މުޅިގައިގައި ރީދޫލައިގެން ނިކުމެ އުޅުނަކަސް އަޅުގަނޑުމެންގެ ހިތްތައް ހަމަ ނޫ. އަޅުގަނޑު މި އެދެނީ ތިޔަ ބޭފުޅުން އެ ރޫހުގައި ނިކުމެ ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް. އެއީ ގައުމީ ގޮތުންނާއި ފަރުދީ ގޮތުން އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ވެގެންވާ ކަމެއް،" އަލީ ވަހީދު ވިދާޅުވި އެވެ.
ޑީއާރުޕީގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުންތަކާ ގުޅޭ ގޮތުން އަލީ ވަހީދު ވިދާޅުވީ ޑީއާރުޕީގެ ތެރޭގައި ބައިބައިވުން އޮތްކަމުގައި ވިއަސް ސަރުކާރު ޒިންމާދާރު ކުރުވުމުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ޖެހިފައި ނުވާނެ ކަމަށާއި ޑީއާރުޕީގެ ލީޑަޝިޕުން މަސައްކަތް ކުރަނީ ވަރަށް ހިތްވަރާ އެކު ކެރިގެން ކަމަށެވެ.

"އެއްކަލަ ރޭ އަޅުގަނޑުމެން ގިޔާސުއްދީނުން ނިކުމެ ދިޔަ ހަދާނެއް ނެތް. އަޅުގަނޑުމެން އެ ޖަލްސާ ވެސް ހަދާން ނައްތާލާފަ ދިޔައީ. އެކަމަކު އަޅުގަނޑުމެން އޮންނާނީ އެ ހަތް (ވަޒީރުން) ވެސް އުފުރާލާފައި. އަޅުގަނޑުމެންގެ ތަފާތު ހިޔާލު ހުރި. ތަފާތު ހިޔާލު އުޅޭނެ. އަޅުގަނޑުމެންގެ ތެރޭގައި ވެސް އެބަހުރި. އެކަމަކު އަޅުގަނޑުމެން ލީޑަޝިޕްގައި މިތިއްބެވި ބޭފުޅުން މިސްރާބު ކަނޑައަޅުއްވާ ގޮތަކަށް ރާއްޖޭގެ ސިޔާސީ މައިދާން ދާނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ އާއި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބައިވެރިވެ ވަޑައިގެން ވާހަކަ ދެއްކެވި އެ ޖަލްސާގައި އަލީ ވަހީދު ވަނީ ލޯކަލް ކައުންސިލް އިންތިހާބު ގާތްވެފައިވާ މި ދަނޑިވަޅަކީ ވެރިކަމާ ތަޅާފޮޅުމުގެ ވަގުތެއް ނޫންކަމަށް ވިދާޅުވެ ޕާޓީގެ އެތެރޭގައި ބައިބަވުން އުފެދޭ ފަދަ އަމަލުތައް ނުކުރެއްވުމަށް ޕާޓީގެ މެންބަރުންނަށް ގޮވައިލައްވައިފަ އެވެ.

"ތިޔަ ބޭފުޅުންނަކީ އަޅުގަނޑުމެން ޕާޓީގެ މެންބަރުން. ތިޔަ ބޭފުޅުންނަށް އަޑުއިވިގެން އެބަދޭ ބައެއް މާޔޫސީ ވާހަކަތައް. އެކަމަކު މިއީ އެންމެ ރަނގަޅު ދަޑިވަޅެއް ނޫން ވެރިކަމަށް ތަޅާ ފޮޅާކަށް. އަޅުގަނޑުމެން އެކަމުގައި ގޮސްފިއްޔާ އަޅުގަނޑުމެންގެ މުޅި މުސްތަގުބަލު ގެއްލިގެން ދާނެ....އަޅުގަނޑުމެން ނުވާނެ އެމްޑީޕީ އާ ގުޅިގެން އެއްވެސް ކަމަކަށް ޖާގަދީގެނެއް. އަޅުގަނޑުމެންނަށް އަޑުއިވިގެން މިދަނީ މަޖިލީހުގެ ރައީސް އާއި ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓް ނަގަންއުޅޭ ވާހަކަ. އަޅުގަނޑު ދަންނަވާނީ އެކަމެއް ނުވާނެއޭ. މި ޕާޓީގެ ލީޑަޝިޕުން އެކަން ހުއްޓުވާނަމޭ،" އަލީ ވަހީދު ވިދާޅުވި އެވެ.