ސައިފްރަސް (ސެޕްޓެމްބަރ 28) : އިރާގުގައިވާ އައިއެސް ޖަމާއަތުގެ މަރުކަޒުތަކަށް އިނގިރޭސި ސިފައިންގެ ފައިޓަރޖެޓްތަކުން މިއަދު ހެނދުނު ހަމަލާތަކެއް ދީފި އެވެ.

އިނގިރޭސި ދިފާއީ ވުޒާރާ އިން ބުނީ ސައިފްރަސްގައިވާ އިނގިރޭސި އަސްކަރީ ބޭހަކުން ނައްޓާލި ޓޯނޭޑޯ މަރުކާގެ އަސްކަރީ ދެ މަތިންދާބޯޓަކުން އިރާގުގެ އުތުރުގައިވާ އައިއެސް ޖަމާއަތުގެ މަރުކަޒުތަކަށް މިއަދު ހަމަލާތަކެއް ދީފައިވާ ކަމުގަ އެވެ.
މި ހަމަލާދިނުމަށް ތައްޔާރުވުމުގެ ގޮތުން އިނގިރޭސިވިލާތުގެ ވައިގެ ސިފައިންގެ ފައިޓާ ޖެޓްތަކެއް އިރާގުގެ މަތިން އިއްޔެ ވަނީ އުދުހިފަ އެވެ. ސައިފްރަސްގައިވާ އިނގިރޭސި އަސްކަރީ ބޭހަކުން ނައްޓާލި ޓޯނޭޑޯ މަރުކާގެ މަތިންދާ ބޯޓުތަކެއް އިރާގުގެ އުތުރާއި ހުޅަނގުގައިވާ އައިއެސް ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކުގައި އިއްޔެ އުދުހިފައިވާ ކަމަށާ މިއީ އައިއެސްގެ އަމާޒުތަކަށް ބޮންއެޅުމަށް ތައްޔާރުވުމުގެ ގޮތުން ހިންގި ފަރިތަކުރުމުގެ އުދުހުމެއް ކަމަށް އިނގިރޭސި ދިފާއީ ވުޒާރާގެ ތަރްޖަމާނަކު އިއްޔެ ވިދާޅުވި އެވެ. އައިއެސްއާ ދެކޮޅަށްދޭ އެއްވެސް ހަމަލާއެއްގައި އިނގިރޭސިވިލާތް ބައިވެރިނުވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ކުރިން ވިދާޅުވި ނަމަވެސް ފަހުން އޭނާ ވަނީ މިނިންމުން ބަދަލުކުރައްވައި އައިއެސްއާ ދެކޮޅަށް އެމެރިކާދޭ ވައިގެ ހަމަލާތަކުގައި އިނގިރޭސި ވައިގެ ސިފައިން ބައިވެރި ކުރުވުމަށް ނިންމަވާފަ އެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އިން ވަނީ އިނގިރޭސިވިލާތާ އެކު ވިލާތުގެ އެތައް ގައުމެއް އައިއެސް ޖަމާއަތާ އިދިކޮޅު އިއްތިޙާދުގައި ބައިވެރިވުމަށް ނިންމާފައިވާ ހާމަކޮށްފަ އެވެ. މިގޮތުން އިނގިރޭސިވިލާތުގެ އިތުރުން ހޮލެންޑާއި ބެލްޖިޔަމް ވެސް އައިއެސްއާ ދެކޮޅަށްދޭ ވައިގެ ޙަމަލާތަކުގައި ބައިވެރިވުމަށް ނިންމާފައިވާ ކަމަށް ޕެންޓަގަން އިން ބުނެ އެވެ. (ރޮއިޓާސް)