ސަންޢާ (ސެޕްޓެމްބަރ 28) : ޔަމަންގެ ވެރިރަށް ސަންޢާގައި ހުންނަ އެމެރިކާގެ އެންބަސީއަށް ރޮކެޓް ޙަމަލާއެއްދިންކަން ޔަމަންގެ ހަނގުރާމަވެރި ޖަމާއަތަކުން ހާމަކޮށްފި އެވެ.

ޔަމަންގައި ހަރަކާތްތެރިވާ އަލްގާއިދާއަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަންސާރުއްޝަރީޢާ ޖަމާއަތުން ބުނީ ސަންޢާގައި ހުންނަ އެމެރިކާގެ އެންބަސީއަށް ރޮކެޓް ޙަމަލާއެއްދިނީ އެމެރިކާގެ ޑްރޯން މަތިންދާބޯޓަކުން ޔަމަންގެ އުތުރުގެ އަލްޖަވްފު ގަވަރނޭޓްގެ ކުޑަކުދިންތަކަކަށް މިދިޔަ ހުކުރު ދުވަހު ޙަމަލާދީ ހިންގާފައިވާ ޖަރީމާތަކަށް ބަދަލު ހިފުމުގެ ގޮތުންކަމުގަ އެވެ. ސަންޢާގައި ހުންނަ އެމެރިކާގެ އެންބަސީން ވަނީ އެތަނަށް ރޮކެޓް ޙަމަލާއެއް އަރާފައިނުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އަންސާރުއްޝަރީޢާ ޖަމާއަތުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސަންއާގައި ހުންނަ އެމެރިކާގެ އެންބަސީއަށް އަމާޒުކޮށް ފޮނުވާލީ ލާވް މަރުކާގެ ރޮކެޓެއް ކަމަށާ އެޙަމަލާގައި އެމެރިކާގެ އެންބަސީގެ ވެހިކަލެއް ހަލާކުވެ އެތަނުގެ ގާޑުންގެ ބަޔަކު ޒަޚަމްވެފައިވާ ކަމުގަ އެވެ.

އަންސާރުއްޝަރީޢާ ޖަމާއަތުގެ ރޮކެޓް ޔަމަންގައި ހުންނަ އެމެރިކާގެ އެންބަސީއަށް އަރާފައި ނުވާކަމަށް އެމެރިކާގެ އެންބަސީގެ މަސްއޫލުވެރިއަކާ ހަވާލާދީ ތުރުކީގެ އަނަތޯލިޔާ ނޫސްއެޖެންސީވެސް ބުނެފައިވެ އެވެ. މިމައްސަލައާބެހޭގޮތުން ޔަމަންގެ ސަރުކާރުން ވާހަކަ ދައްކާފައެއް ނުވެ އެވެ. (ރޮއިޓާސް)