28 Sep 2014, 15:48
މިނިވަންނޫޙުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ގެއްލިފައިވާ މައްސަލައާ ގުޅިގެން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިޟުވާން ގެއްލިފައިވާ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ ތިން މީހުންގެ ތެރެއިން އެކެއްގެ ބަންދަށް ހަތް ދުވަސް އަދި ދެން ތިބި ދެ މީހުންގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރިޟުވާން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މާލޭ އާއި ހުޅުމާލޭ އާއި ވިލިމާލޭގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްތަށް ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ.
ފުލުހުން ބުނީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް ވީޑިއޯ ފުޓޭޖް ހޯދައި އެތަކެތި ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ތަހުގީގަށް ލިބިފައިވާ ފޮރެންސިކް ބައެއް ހެކިތައް އިތުރަށް ތަހުލީލު ކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.