ތިން މަސް ދުވަސް ވަންދެން މަސައްކަތްކޮށްގެން އައްޑޫ ސިޓީގެ ހިތަދޫ ހޮސްޕިޓަލަށް ގެންދިޔަ އަންހެނުންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުގެ ވަޒީފާ އަށް ނުކުތްތާ ސައުވީސް ގަޑިއިރު ނުވަނީސް ރަށަށް ފުރަން ޖެހިއްޖެ އެވެ.

ހިތަދޫ ހޮސްޕިޓަލްގެ ޑިރެކްޓަރު ޝާހު ސައީދު މިއަދު ސަން އަށް ވިދާޅުވީ އެ ހޮސްޕިޓަލަށް ގެންދިޔަ ބަންގްލަދޭޝްގެ އަންހެން ޑޮކްޓަރު އިސްތިއުފާ ދިނީ އާއިލާ އަށް ދިމާވި ކުއްލި ހާދިސާއަކާ ގުޅިގެން ކަމަށާއި މާދަމާ އޭނާ ރަށަށްދާން ފުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މި މަހުގެ 24ގައި އެ ހޮސްޕިޓަލަށް ނުކުތް ޑޮކްޓަރު ރަށަށް ފުރަނީ އޭނާގެ ދަރިފުޅު ތަނަކުން ވެއްޓިގެން ޒަހަމްވުމާ ގުޅިގެން ކުއްލިއަކަށް ރަށަށް ދާން ބޭނުންވެެގެން ކަމަށާއި އޭނާ އައި ދުވަހު ނޫން އަނެއް ދުވަހު އެކަން އަންގާފައިވާ ކަމަށެވެ.

"އެ ޑޮކްޓަރު އިސްތިއުފާދީފި ހޮސްޕިޓަލަށް ނުކުތް ދުވަހު ނޫން އަނެއް ދުވަހު، އޭނާގެ ދަރިފުޅު ތަނަކުން ވެއްޓިގެން ވަރަށް ބޮޑަށް ޒަހަމްވެގެން ރަށަށް ދާން އޭނާ ބޭނުންވީ،" ޝާހު ވިދާޅުވި އެވެ.

އެ ޑޮކްޓަރު ފުރުމުން އެ ހޮސްޕިޓަލްގެ އަންހެނުންގެ ބަލިތައް ބެލުމަށް ހަމަޖައްސާފައި ވަނީ މެޑިކަލް ޑޮކްޓަރެއް ކަމަށާއި އަދި އިމަޖެންސީއެއް ދިމާވެއްްޖެ ނަމަ އެ ރަށު ހުންނަ ކްލިނިކެއްގައި މަސައްކަތް ކުރާ އަންހެނުންގެ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރިން އެތަނުގައި ވަގުތީ ގޮތުން މަސައްކަތް ކުރަަމުން ގެންދިޔައީ އެމްއެންޑީއެފްގެ އަންހެން ޑޮކްޓަރެކެވެ.