ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމަށް ބައިސްކަލު ދުއްވުމުގެ ބުރެެއް އިއްޔެ މާލޭގައި ބާއްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ މިނިސްޓްރީ އާއި ޔޫއެންޑީޕީ އާ ގުޅިގެން އިއްޔެ ބޭއްވި އެ ބައިސްކަލު ދުއްވުމުގައި 40 އަށް ވުރެ ގިން މީހުން ބައިވެރިވި ކަމަށެވެ.

ބައިސްކަލް ބުރުގައި ބައިވެރިވި މީހުންގެ ތެރޭގައި ޓޫރިޒަމްގެ މުވައްޒަފުންނާއި މޯލްޑވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މުވައްޒަފުންނާއި ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓުގެ މުވައްޒަފުންނާއި ޔޫއެންޑީޕީގެ ބައެއް މުވައްޒަފުންނާއި ކީން އޮން ބްރައިޓް އޮގަނައިޒޭޝަންގެ މެންބަރުން ވެސް ބައިވެރިވި ކަމަށް އެ މިނިސްޓަރީ އިން ބުންޏެވެ. އަދި ހުޅުމާލޭގެ ގެސްޓްހައުސްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނު ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

ބައިސްކަލު ބުރެއް ބޭއްވީ، ޓޫރިޒަމުން ބުނި ގޮތުގައި، ދަތުރުފަތުރު ކުރުމުގައި ދިވެހިންގެ ހިޔާލާއި ފިކުރު ތިމާވެއްޓާއި ރަހުމަތްތެރި އުޅަނދުފަހަރު ބޭނުންކުރުމަށް އަމާޒުކޮށް، އެފަދަ އުޅަނޑުފަހަރު އަމިއްލަ ބޭނުންތަކާއި ފަތުރުވެރިންގެ ދަތުރުފަތުރުގެ ބޭނުންތަކަށް ހިޔާރު ކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ. އަދި ބައިސްކަލު ފަދަ ތިމާވެއްޓާ ރަހުމަތްތެރި ދުއްވާ އުޅަނދުފަހަރު ހިޔާރު ކުރުމަކީ މޫސުމަށް އަންނަ ބަދަލުތަކުން ތިމާވެއްޓަށް ދިމާވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް ބޭނުން ތެރި ކަމެއް ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

މި އަހަރު ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ޝިއާރަކީ "ފަތުރުވެރިކަމާއި އިޖްތިމާއީ ތަރައްގީ" އެވެ.