"ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު" ދަށުން ރައީސުލްޖުމްހޫރީއްޔާ އުފައްދަވާފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލްގެ ހިންގާ ގަވާއިދަށް އަމަލު ކުރަންފަށައިފި އެވެ.

އިކޮނަމިކް ޑިވަލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓްރީ އިން ހަދާފައިވާ އެ ގަވާއިދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނުގެ 14 ވަނަ މައްދާގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

"ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު" 11 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރީއްޔާ އުފައްދަވާފައިވާ އެ ބޯޑުގައި ހިމެނިވަޑައިގެންނަވަނީ 14 މެންބަރުންނެވެ. އެއީ އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މިނިސްޓަރާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މިނިސްޓަރާއި ފަތުރުވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މިނިސްޓަރާއި މާލީ ކަންކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މިނިސްޓަރާއި ވަޒީފާއާޢި އިންސާނީ ވަސީލަތްތަކާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މިނިސްޓަރެވެ.

ވަޒީރުންގެ އިތުރުން އެ ކައުންސިލްގައި ތިއްބަވަނީ އަންހެން ވިޔަފާރިވެރިން ތަމްސީލްކުރާ ސިވިލް ސޮސައިޓީގެެ މަންދޫބަކާއި މަސްވެރިކަމުގެ ދާއިރާ ތަމްސީލްކުރާ ސިވިލް ސޮސައިޓީގެ މަންދޫބަކާއި ދަނޑުވެރިކަމުގެ ދާއިރާ ތަމްސީލްކުރާ ސިވިލް ސޮސައިޓީގެ މަންދޫބަކާއި ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލްކުރާ ސިވޮލް ސޮސައިޓީގެ މަންދޫބަކާއި މައުލޫމާތާއި މުވާސަލާތުގެ ދާއިރާ ތަމްސީލްކުރާ ސިވިލްސޮސައިޓީގެ މަންދޫބަކާއި އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލްކުރާ ސިވިސޮސައިޓީގެ މަންދޫބަކާއި ކެޕިޓަލް މާކެޓް ޑިވަލޮޕްމެންޓް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކާއި އަދި މޯލްޑިވްސްއިލެންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރު ނުވަތަ ޑެޕިޔުޓީ ކޮމިޝަނަރެވެ.

ރައީސުލްޖުމްހޫރީއްޔާ އުފައްދާ އެ ކައުންސިލަށް މެންބަރުން އައްޔަން ކުރުމާއި ވަކިކުރާނީ ރައީސުލްޖުމްހޫރީއްޔާ އެވެ. ކައުންސިލުގެ ރައީސަކީ މަގާމުގެ ހައިސިއްޔަތުން އިކޮނޮމިކް މިނިސްޓަރެވެ. ކައުންސިލްގެ މެންބަރުންގެ ތެރެއިން، ސިވިލް ސޮސައިޓީ ތަމްސީލުކުރާ މެންބަރަކު، ކައުންސިލުގެ ނައިބު ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ރައީސުލްޖުހުމްމްހޫރީއްޔާ އުފައްދާފައިވާ 14 މެންބަރުންގެ ކައުންސިލްގެ މަގުސަދަކީ، އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުގައި ހިމެނޭ ވިޔަފާރިތައް ތަރައްގީކުރުމަށް، ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި އަމަލީގޮތުން ހިންގާނެ ހަރަކާތްތައް ކަނޑައަޅައި، އެކަމާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އިކޮނޮމިކް މިނިސްޓަރަށް ލަފާދޭ ފަރާތެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުން އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްގީކުރުމުގެ ގޮތުން، ހިންގާ އެންމެހައި ހަރަކާތްތަކަށް ބަޖެޓް ތައްޔާރުކުރުމާއި، އެގޮތުން ތައްޔާރުކުރާ ބަޖެޓްގައި، ގާނޫނުގެ ދަށުން އުފައްދާ އިދާރާތަކާއި، މަރުކަޒުތަކާއި، މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްކީމާއި، ފަންޑާއި ގާނޫނުގެ ދަށުން އެކިއެކި ހަރަކާތްތައް ހިންގުމަށް ހިނގާނެ ހަރަދު ހިމެނުމަކީވެސް އެކައުންސިލްގެ މަސްއޫލިއްޔަތެކެވެ.