28 Sep 2014, 13:37
ނަޒާހާތްތެރިކަމުގެ ގައުމީ އެވޯޑްގައި ހިމެނޭ "އަމިއްލަ ވިޔަފާރީތަ"ކުގެ ކެޓަގަރީ އިސްލާހުކޮށް އެ ބައިގެ ނަން "ވިޔަފާރި"ތަކަށް ބަދަލުކޮށްފި އެވެ.
އެންޓި ކޮރަޕްޝަންސް ކޮމިޝަންގެ ރައީސް ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ވިދާޅުވީ އެގޮތަށް ހަމަޖެއްސީ އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ރައްޔިތުން ހިއްސާވާ ވިޔަފާރިތަކާއި ދައުލަތުން ހިންގާ ވިޔަފާރިތަކަށް ވެސް އަމިއްލަ ވިޔަފާރިތަކެކޭ އެއްފަދައިން އެ ކެޓަގަރީގައި ވާދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަަމަށެވެ.
"އަމިއްލަ ވިޔަފާރިތަކަށް އެކަނި އޮތީމާ ސަރުކާރުގެ ކުންފުނިތަކަށް ފުރުސަތު އެބަ ގެއްލޭ. އެހެންވެ ވާދަވެރިކަން ވެސް އެބަ ގެއްލޭ،" ލުފުތީ ވިދާޅުވި އެވެ.
ނަޒާހަތްތެރިކަމުގެ ގައުމީ އިނާމަށް ކުރިމަތިލުމުގެ ސުންގަޑި ވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
ނަޒާހަތްތެރިކަމުގެ ގައުމީ އިނާމް ދިނުމަށް ހަމަޖައްސާފައި ވަނީ ޖުމްލަ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އަމިއްލަ ފަރުދުންނާއި ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކެވެ. މިއިން ކޮންމެ ކެޓަގަރީއަަކަށް ވެސް ދިނުމަށް ހަމަޖައްސާފައި ވަނީ އެންމެ އިނާމެކެވެ.
ނަޒާހަތްތެރިކަމުގެ އެވޯޑެއް ދިނުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ކޮރަޕްޝަން ހުއްޓުވުމަށް ހިތްވަރުދިނުމާއި ކޮރަަޕްޝަންގެ އަމަލުތަކަށް ފާރަވެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމާއި ކޮރަޕްޝަންގެ އަމަލްތަކުން ދިވެހި ގައުމު ސަލާމަތް ކުރުމަށް މަސައްކަތްކުރާނެ ދިވެހި ދަރިންތަކެއް މުޖުތަމައުގައި އިތުރުކުރުމަށް ބާރުއެޅުމާއި ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރަން ބާރުއެޅުމުގެ އިތުރުން ދިވެހި ހިތްތަކުގައި ނަޒާހަތްތެރި ކަމަށް އޮންނަ ލޯބި އިިތުރުކުރުން ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.