28 Sep 2014, 13:15
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އާލާސްކަންފުޅާ އުޅުއްވާތީ ހިއުމަންރައިޓްސް ކޮމިޝަން އިފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރުންނާ ދެކޮޅަށް އެ ކޯޓުން ބަލަމުން އަންނަ ސުމޯޓޯ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު 1:30 އަށް ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފައި ވަނީ ފަނޑިޔާރަކު އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ.
އެޗްއާރްސީއެމް މެމްބަރުންނާ ދެކޮޅަށް ސުމޯޓޯ މައްސަލައެއް ބަލަން ފަށާފައި ވަނީ އެ ކޮމިޝަނުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ފޮނުވި "ޔުނިވާސަލް ޕީރިއޮޑިކް ރިވިއު"(ޔޫޕީއާރު) ރިޕޯޓުގައި ސުޕްރީމް ކޯޓުގެ އިހްތިސާސް އޮޅޭ ގޮތަށް ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ބުނެ އެވެ.
މިމަހުގެ 24 ވަނަ ދުވަހު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އެޗްއާރްސީއެމް އިން ވަނީ ދައުވާ އަށް ޖަވާބުދާރީވެފަ އެވެ.
އެޗްއާރްސީއެމްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވެފައި ވަނީ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެ ކޮމިޝަނުން ތައްޔާރުކޮށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާފައިވާ ޔޫޕީއާރު ރިޕޯޓު އާންމު ކުރުމުގެ ކުރިން މަސްލަހަތު އޮތް ހުރިހާ ފަރާތްތަކެއްގެ ކޮމެންޓު ހޯދާފައިވާނެ ކަމަށެވެ.
އެގޮތުން މިދިޔަ އޯގަސްޓު މަހުގެ 31 ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ކޮމެންޓެއް ހޯދުމަށް އެ ރިޕޯޓުގެ ޑްރާފްޓު ފޮނުވި ކަމަށާއި ނަމަވެސް މި މަހުގެ 14 ވަނަ ދުވަހު އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް އެރިޕޯޓު ހުށަހެޅުމާ ހަމައަށް ވެސް އެތަނުން އެ ރިޕޯޓާ ގުޅޭ ގޮތުން އެއްވެސް ކޮމެންޓެއް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޑީޖޭއޭ އަކީ ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން އަންނަ ތަނެކެވެ.
އެ މައްސަލަ ބަލަނީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި ކޯޓުތަކާ ބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ގަވާއިދުގެ 86 ވަނަ މާއްދާގެ ދަށުންނެވެ.