މިސްކިތްތަކާއި އިމާމުން އިސްލާމިކް މިނިސްްޓްރީގެ ދަށަށް ވަރަށް އަވަހަށް ގެންދަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މިސްކިތްތަކާއި އިމާމުން އެ މިނިސްޓްރީގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ވަރަށް އަވަހަށް އެކަން އިޢުލާން ކުރައްވާނެ ކަމަށެވެ.



އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިސްކިތްތަކާއި އިމާމުން އެ މިނިސްްޓްރީގެ ދަށަށް ގެންދިއުމާ ބެހޭ ގޮތުން ކައުންސިލްތަކާއި އެލްޖީއޭއާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އެ މަަސައްކަތް ނިމުމުން އެކަމުގެ ތަފްސީލްތައް ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދީނީ އެއްބައިވަންތަ ކައުމުގެ ގާނޫނުގެ ދަށުން މިނިސްޓްރީ އަށް އެ ބާރު ވަނީ ލިބިދީފައި،" އޮފިޝަލް ވިދާޅުވި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކުރިން ހުރި މިސްކިތްތައް މިހާރު ބަލަހައްޓަނީ ކައުންސިލްތަކުންނެވެ. އަދި މުދިމުންނާއި އިމާމުން ވެސް މިސްކިތްތަކަށް މިހާރު ހަމަޖައްސަނީ ކައުންސިލްތަކުންނެވެ.

ދިވެހި ރާއްޖޭގެ ދީނީ އެެއްބައިވަންތަކަމާ ބެހޭ ގާނޫނަށް މި އަހަރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ދިވެހި ރާއްޖޭގައި ދީނީ ޝިއާރުފާޅުކުރުމުގެ އެންމެހާ ކަންކަން ބެލެހެއްޓުމަކީ އިސްލާމިކް މިނިސްްޓްރީގެ މަސްއޫލިއްޔަތެކެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށެއްގެ މިސްކިތްތަކާއި ނަމާދުގެތައް ހުންނާނީ ވެސް އެ މިނިސްޓްރީގެ ބެލުުމުގެ ދަށުގައި ކަމަށް ވެސް ބުނެފައިވެ އެވެ.