22 Jan 2011, 09:35
މަތިންދާބޯޓު ޖައްސާ އިތުރު ދެ އެއާ ސްޓްރިޕް ހެއްދެވުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ގދ. އަތޮޅުގައި ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ވިދާޅުވީ އެ ދެ އެއާ ސްޓްރިޕް އެޅުއްވުމަށް ހަމަޖެހިފައި ވަނީ، ގައްދޫ ބޭރުގަޔާއި ގއ. ވިލިނގިލީ ބޭރުގައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، އެމަނިކުފާނު މިއަދު ހުވަދުއަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި، ގދ. ހޯނޑެއްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ އިއްޔެ މެންދުރު ފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ މަތިންދާބޯޓުތަކުގެ ތެރެއިން، އައްޑުއަށް ޖައްސާ ބޯޓުތަކުގައި އަންނަ ޓުއަރިސްޓުންނަށް، މޫދަށް ޖައްސާ ބޯޓުގަޔާއި، އެ އަތޮޅުގައި ބިނާކުރެވޭ އެއާ ސްޓްރިޕްތަކަށް ޖައްސާ ބޯޓުތަކުގައި ގދ. އަދި ގއ. އަށް އައިސް، އެ އަތޮޅުގެ ރެޒޯޓްތައް ފުރާލެވޭނެ ކަމުގައި ވިދާޅުވި އެވެ. އަދި މިހާރު ހުވަދުއަތޮޅުގައި އޮތީ ފަސް ރެޒޯޓް ކަމުގައިވިޔަސް، ރަނގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ހުވަދުއަތޮޅު ގުޅާލެވުމުން، ހުވަދޫގައި ޓުއަރިޒަމް އިތުރަށް ތަރައްޤީވެ، ރެޒޯޓްތަކުގެ އަދަދު އިތުރުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހޯނޑެއްދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގެވުމަށް ރާއްވަވާފައިވާ ޕްރޮގްރާމްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން، ހޯނޑެއްދޫގެ ދަނޑުވެރިކަން އިތުރަށް ކުރިއަރުވާ ތަރައްޤީ ކުރުމަށްޓަކައި، މިއަހަރުގެ ބަޖެޓްގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިމަނުއްވާފައިވާކަން ހާމަކުރެއްވި އެވެ. އޭގެތެރޭގައި، ހޯނޑެއްދޫގެ ދަނޑުވެރިންނަށް ލުއި ލޯނު ދިނުމާއި، ދަނޑުވެރިންގެ ގޮވާން ފަސޭހަގޮތުގައި މާރުކޭޓްތަކަށް ވާޞިލްކޮށްދެވޭނެ ޕްރޮގްރާމްތައް މި އަހަރުގެ ބަޖެޓްގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމަނުއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހޯނޑެއްދޫގެ ނަރުދަމާގެ މަސައްކަތްވެސް މިއަހަރު ފެށިގެންދާނެ ކަމުގައި ވިދާޅުވިއެވެ.
ސަރުކާރުގެ ވަޢުދުތައް ފުއްދެވުމުގައި ހޯއްދަވާފައިވާ ކާމިޔާބީގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލެއްވުމުގެ ވަޢުދުގެ ތެރެއިން ހޯނޑެއްދޫގެ 227 މީހުނަށް މަދަނައިގެ ތެރެއިން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް ސަރުކާރުން ދެއްވަން ފެށްޓެވި ޕެންޝަން ހޯޑެއްދޫގެ 49 މީހަކަށް ލިބެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.