އެމެރިކާގެ ނިއުޔޯކުގައި މަސައްކަތް ކުރަމުން އައި ސިޓީ ބަހާ މީހަކު ނުވަ އަހަރު ވަންދެން ސިޓީތަކެއް ރައްދުކުރަންވީ ފަރާތްތަކަށް ރައްދުނުކޮށް ހުރުމުން އޭނާ ހައްޔަރުކޮށްފި އެވެ.

ބީބީސީ އިން ބުނި ގޮތުގައި 67 އަހަރުގެ ޖޯސެފް ބްރުކާޓޯ ހައްޔަރުކޮށްފައި ވަނީ ބެހުމަށް އޭނާއާ ހަވާލުކޮށްފައިވާ ގިނަ އަދަދެއްގެ ސިޓީ ހަވާލުނުކޮށް ހުރުމުންނެވެ.

"ބައެއް ދުވަސް ދުވަހު... އޭނާގެ ރޫޓުގައި ހުންނަ ގެތަކަށް ސިޓީތައް ހަވާލުނުކުރީ ތަފާތު ޒާތީ ސަބަބުތަކަކާ ހުރެ." ނިއުޔޯކުގެ ފެޑަރަލް ކްރިމިނަލް ކޮމްޕްލެއިންޓްގައި ބަޔާންކުރެވިފައިވާ ކަމަށް ބީބީސީ އިން ބުންޏެވެ.

ޖޯސެފް ބްރުކާޓޯ ހައްޔަރުކުރީ 2005 ގެ ތާރީހު ޖަހާފައި ނުބަހާ ހުރި ސިޓީތަކެއް ޖޯސެފް ބްރުކާޓޯގެ ކާރުތެރެއިން، އޭނާ މަސައްކަތްކުރާ އޮފީހުގެ ސުޕަވައިޒަރަކަށް ފެނިގެން ފުލުހުންނަށް އެންގުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޖޯސެފް ބްރުކާޓޯގެ މައްޗަށް އޭނާގެ ސުޕަވައިޒަރު ކުރި ތުހުމަތާ ގުޅިގެން ނިއުޔޯކުގެ ފުލުހުން ވަނީ ޖޯސެފްގެ ކާރާއި ގޭގެ އިތުރުން އޭނާ މަސައްކަތް ކުރާ އޮފީހުގެ ލޮކަރު ވެސް ބަލައި ފާސްކޮށްފަ އެވެ. އެހޯދުމުގެ ތެރެއިން ފުލުހުނަށް ވަނީ އެއް ޓަނުގެ ބަރުދަން ހުރި އަދި 40،000 އަށް ވުރެ ގިނަ ސިޓީ ފެނިފައި ކަމަށް ވެސް ބީބީސީ އިން ބުންޏެވެ.

ޖޯސެފް ބްރުކާޓޯގެ ވަކީލު ބުނި ގޮތުގައި ޖޯސެފް އަކީ ކްލިނިކަލް ޑިޕްރެޝަން އަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ. ނަމަވެސް އެ ސިޓީތައް ނުބަހާ އަމިއްލަ އަތުގައި ބެހެއްޓުމުގެ ސަބަބަކީ ކޮބައިކަމެއް ޖޯސެފްގެ ވަކީލު ހާމަކޮށްފައެއް ނުވެ އެވެ.

ޖޯސެފް ބްރުކާޓޯ ކޯޓަށް ގެންގޮސް ހިންގާފައިވާ ޝަރީއަތުގައި އޭނާ ވަނީ ގިނައިން ރާ ބުއިމާ ދުރުވުމަށް ޝަރުތުކޮށް، ކޯޓުން ވަކި ނިންމުމެއް ނިންމަން ދެން ވަގުތީ ގޮތުން ދޫކޮށްލާފަ އެވެ.