28 Sep 2014, 12:34
ކުދި ޖަޒީރާ ގައުމުތަކުގެ ބަދަލުގައި ރާއްޖެ ފަދަ ގައުމުތަކަށް ކިޔަން ވާނީ ކަނޑުގެ ބޮޑެތި ގައުމުތައް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ޖެނެރަލް އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރެއްވުމަށް އެމެރިކާގެ ނިއުޔޯކަށް ވަޑައިގެން އުޅުއްވަމުން، ޑރ. ވަހީދު މިހެން ވިދާޅުވީ " ހެލްދީ އޯޝަންސް އެންޑް ސީސް، ޕޭވިން ވޭ ޓްވާޑްސް އަ ސަސްޓެއިނަބުލް ޑިވެލޮޕްމެންޓް ގޯލް"ގެ ނަމުގައި ބޭއްވި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ފޮރިން މިނިސްޓްރީ އިން މިއަދު ބުންޏެވެ.
އެފޯރަމްގައި ޑރ. ވަހީދު ވަނީ ކަނޑުތައް ހިމާޔަތް ކުރަން ރާއްޖޭން ކޮށްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދެއްވާފަ އެވެ. އަދި ރާއްޖޭގައި ކުރާ ތިމާވެއްޓާއި ރަހުމަތްތެރި ދޮށީގެ މަސްވެރިކަމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ތަރައްގީއަށް ޓަކައި 2015ގެ ފަހުން ކުރާނެ މަސައްކަތްތަކާ ބެހޭ ގޮތުން އެކުލަވާލާ އެޖެންޑާގައި ކަނޑުތައް ހިމާޔަތް ކުރުމަށް ލަނޑުދަނޑިއެއް ހިމެނުމަށް ކުދި ޖަޒީރާގައުމުތަކުގެ ވެރިން ކުރައްވާ މަސައްކަތަށް ޑރ. ވަހީދު ވަނީ ތައުރީފު ކުރައްވާފަ އެވެ.