28 Sep 2014, 12:18
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏެއް ކަމުގައިވާ ޖާނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކ. ހިންމަފުށިން ދޫކުރި ބިމުގެ ކުލީގެ ގޮތުގައި 76578.09 ރުފިޔާ ދެއްކުމަށް ހިންމަފުށީ ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.
ހިންމަފުށީ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ސްލިޕްވޭއެއް އެޅުމަށް ޖާނީ ވޯލްޑް މޯލްޑިވްސްއާ ހަވާލުކޮށްފައިވާ އެ ބިމަށް 2007 ވަނަ އަހަރުން ފެށިގެން ދައްކަން ޖެހޭ ކުލި ނުދައްކައި ގަދަކަމުން އެބިމުގައި ތިބުމުގެ އެއްވެސް ހައްގެއް އެކުންފުންޏަށް ލިބިގެންނުވާ ކަމަށެވެ.
މިދިޔަ އޯގަސްޓު މަހުގެ 18 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެބިން ހުސްކޮށް އެބިމުން ފައިބައިގެން ދިޔުމަށް ހިންމަފުށީ ކޯޓުގެ ހުކުމްގައި އެކުންފުންޏަށް ވަނީ އަންގާފަ އެވެ.
އެބިން ހުސްކުރުމަށް ކައުންސިލް އިދާރާ އިން އެންގީ އެއީ ސްލިޕްވޭއެއް ހިންގުމަށް ރަނގަޅުތަނެއް ކަމުގައި ސަރުކާރުން ނުދެކޭތީ އެބިމުގެ ބަދަލުގައި ކ. ތިލަފުށިން އެއަށް ވުރެ ބޮޑު ބިމެއް އެ ކުންފުންޏަށް ދިނުމަށް ފަހު، އެބިން ހުސްކޮށްދިނުމަށް ސަރުކާރުން އެ ކައުންސިލަށް އެންގުމުންނެވެ.
ޖާނީ މޯލްޑިވްސްގެ ފަރާތުން ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފުކޮށްފައި ވަނީ ތިން ކަމެއް ފާހަގަކުރުމަށް ފަހު އެވެ. އެގޮތުން އެކުންފުނީގެ ފަރާތުން ބުނެފައި ވަނީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ މީހަކަށްމެ ލިބިދީފައިވާ ގާނޫނުގެ ރައްކާތެރިކަމާއި ހަމަހަމަކަން ހިންމަފުށީ ކޯޓުގެ ހުކުމްގެ ސަބަބުން ނިގުޅައިގެނެވިފައިވާ ކަމަށެވެ.
ހިންމަފުށީ ކޯޓުން އެ ހުކުމް ކޮށްފައި ވަނީ އެ ކުންފުނީގެ ޣައިރު ހާޒިރުގައި ކަމަށާއި އެއީ ގަވާއިދާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ވެސް އެ ކުންފުނީގެ ފަރާތުން ވަނީ ބުނެފަ އެވެ. އަދި ގާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންސާފުން ޝަރީއަތް ކުރުމުގެ ހައްގުން އެކުންފުނި މަހުރޫމްވެފައިވާ ކަމަށް ވެސް ޖާނީ މޯލްޑިވްސްގެ ފަރާތުން ހައިކޯޓުގައި ބުނެފައިވެ އެވެ.
ހައިކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ ހިންމަފުށީ ކައުންސިލުން ޖާނީ މޯލްޑިވްސްއާ ދެކޮޅަށް ކޮށްފައިވާ ދައުވާއަކީ ކޮބައިކަން ހިންމަފުށީ ކޯޓުން އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ. އަދި ކޯޓުން ފޮނުވި ލިޔުމާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ކޯޓަށް ހާޒިރުވާނެ ބަޔަކު ކަނޑައަޅައި އަންގާފައިވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.
އެ ހުކުމްގައި ވަނީ އެކުންފުނީގެ ފަރާތުން ކޯޓަށް ހާޒިރުވާނެ ފަރާތެއް ކަނޑައަޅައި ހިންމަފުށީ ކޯޓަށް އަންގާފައި ވަނީ އެ ކޯޓުން އެ އެންގުން އެންގިތާ 68 ދުވަސްފަހުން ކަމަށެވެ.
އޭގެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް ޖަވާބުދާރީވުމުގެ ބަދަލުގައި އެކަމަށް އިތުރު ފުރުސަތަކަށް އެ ކުންފުނިން އެދުނު ކަމަށް ވެސް އެ ހުކުމްގައިވެ އެވެ. އަދި އެއަށްފަހު 51 ދުވަސް ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހަށް އެ ކުންފުނީގެ ފަރާތުން ހާޒިރުވެފައިނުވާ ކަމަށް އެ ހުކުމްގައިވެ އެވެ.
އެހެންކަމުން ހިންމަފުށީ ކޯޓުން އެ ކުންފުނީގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައި ވަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދާ ޚިލަފަށް ކަމަށް ބެލެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.