އުކާލާ ތަކެތި ބޭނުން ކޮށްގެން ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 'ރީސައިކަލްޑް ކްރާފްޓް މައުރުޒެއް އިއްޔެ ބާއްވައިފި އެވެ.

ކުޑަހުވަދޫގައި ހުންނަ އެ މަރުކަޒުން ރޭ އާންމު ކުރި ބަޔާނެއްގައި ބުނީ އެ ސްކޫލްގެ ތިމާވެށީގެ ކުލަބް "'އީކޯ ފްރެންޑްސް"އިން އިންތިޒާމުކޮށްގެން އެފަދަ މައުރުޒެއް ބޭއްވީ ތިމާވެއްޓަށް ގެއްލުންދޭ ތަކެތިން ތިމާވެށި ސަލާމަތްކުރުމާއި ކުނީގެ ގޮތުގައި އުކާލާ ކުނީގެ އަދަދު މަދުކުރުމުގެ އިތުރުން، އުކާލާ ތަކެތި އެހެން ބޭނުމެއްގައި ބޭނުން ކުރުމަށް ބާރުއެޅުމަށް ކަމަށެވެ. އަދި ދަރިވަރުންގެ ކިބައިގައިވާ، އުފެއްދުންތެރިކަމުގެ ހުނަރު ހާމަކުރުމަށް ފުރުޞަތު ހުޅުވާލަ ދިނުމުގެ އިތުރުން ދިރިއުޅުމުގައި އިގްތިޞާދު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ދަރިވަރުން އަހުލުވެރި ކުރުވުން ވެސް އެ މައުރުޒު ބޭއްވި ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ސްކޫލްގެ ތިމާވެށީގެ ކުލަބް "'އީކޯ ފްރެންޑްސް"އިން އިންތިޒާމުކޮށްގެން ބޭއްވި މައުރަޒު-- ފޮޓޯ ދ. އަތޮޅު ތަޢުލީމީ މަރުކަޒު

އިއްޔެގެ މައުރުޒުގައި އަށް ކެޓަގަރީއަކުން ދަރިވަރިން ތަކެތި ހުށަހެޅި ކަމަށާއި އޭގެ ތެރޭގައި ޕްލާސްޓިކާއި ކަރުދާހާއި މައުދަނާއި ފޮއްޗާއި ބިއްލޫރި އާއި ހިކިފައި ހުންނަ ގަސްގަހާގެހީގެ ބާވަތްތަކާއި އުކާލާފައި ހުންނަ ލަކުޑި އަދި އެހެނިހެން ބައިތައް ހިމެނޭ ކަމަށް އެ ސްކޫލުން ބުންޏެވެ.

އެ ސްކޫލުން ބުނީ އެ މައުރަޒުގެ ސަބަބުން ދަރިވަރުންގެ މެދުގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ބާރަކަށްވި ކަމަށާއި އެ މަސައްކަތްތައް ވަރަށް ކާމިޔާބު ކަމަށެވެ. އަދި ދަރިވަރުންނަކީ ކުރިއޭޓިވް އަދި އިނޮވޭޓިވް ކުދިބަޔަކަށް ވުމުގެ ފުރުޞަތު އެކަމުގެ ސަބަބުން ތަނަވަސްވި ކަމަށެވެ.
ސްކޫލްގެ ތިމާވެށީގެ ކުލަބް "'އީކޯ ފްރެންޑްސް"އިން އިންތިޒާމުކޮށްގެން ބޭއްވި މައުރަޒު-- ފޮޓޯ ދ. އަތޮޅު ތަޢުލީމީ މަރުކަޒު

ތިމާވެއްޓަށް ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރި ކުރުވުމުގެ ގޮތުން 2012 ވަނަ އަހަރުން ފެށިގެން އެ ސްކޫލުން އަންނަނީ އެފަދަ މައުރުޒެއް ކޮންމެ އަހަރަކު ވެސް ބާއްވަމުންނެވެ.