ހއ. ދިއްދޫން ފުރައިގެން އެ އަތޮޅު ކެލަޔަށް ދިޔަ ޑިންގީއެއް ބަންޑު ޖަހާލައިފި އެވެ.

ދިއްދޫ ކައުންސިލުން މިއަދު ބުނީ ރޭ 7:30 އެހާކަންހާއިރު އެ ރަށުން ފުރައިގެން ތިން މީހުންނާ އެކު ދަތުރު ކުރި ޑިންގީ، ކެލާ ފަޅުތެރެއަށް ބަންޑުން ޖަހާލި ހާދިސާގައި ކަނޑުވި ތިން މީހުން ވެސް ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި އެ ތިން މީހުންގެ ހާލު ރަނގަޅު ކަމަށް ކައުންސިލުން ބުނެ އެވެ.

ދިއްދޫ ކައުންސިލުން ވާހަކަ ދެއްކި މީހާ ބުނީ އެ މީހުން ދަތުކުރި ޑިންގީ ބަނޑުން ޖަހާލިކަން އެނގުނީ އެ މީހުންގެ ހަބަރެއް ނުވެ ގިނަ އިރުވުމުން ބަޔަކު ނުކުމެ އެކަން ބެލުމުން ކަމަށެވެ. އޭރު ކެލައިން މީހުން ނުކުމެ އެ ތިން މީހުން ސަލާމަތް ކޮށްފައިވާ ކަމަށް ވެސް އެމީހާ ބުންޏެވެ.

ކައުންސިލުން ބުނީ ދިއްދޫގައި ހުރި ކެލާ މީހަކު ގޮވައިގެން ދިޔަ ޑިންގީ ބަނޑުން ޖަހާލީ ކެލާ ފަޅުތެރޭގައި އޮންނަ ދެފަށްރާޅު ޖަހާ ހިސާބުން ކަމަށެވެ.

"ކެލާ ފަޅު ބޮޑުވީމާ ފަޅަށް ވަނަސް އަދި ރަށަށް ދެވޭނީ ވަރަށް ދުއްވައިގެން. މޫސުން އޮތީ ރަނގަޅަށް އެކަމަކު އެހިސާބުގައި އޮންނާނެ ދެރާޅު ބައްދަލުވާ ހިސާބެއް. އެހިސާބުން އެ ހާދިސާ ހިނގީ. ވަރަށް ގިނައިން ދޯނި އެއްޗެހި ވެސް އެހިސާބުން ބަނޑުން ޖަހާލާނެ،" ދިއްދޫ ކައުންސިލުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭނާ ބުނީ އެ މީހުން ސަލާމަތްވި ނަމަވެސް ޑިންގީ އަދި ވެސް ނުފެންނަ ކަމަށެވެ.

"ޑިންގީއަށް ފެންވަދެގެން އަޑިއަށް ދިޔަކަމަށް ވަނީ،" ކައުންސިލުން ވާހަކަ ދެއްކި މީހާ ބުންޏެވެ.