28 Sep 2014, 10:33
ފުވައްމުލަކު ހަޓެއްގެ ތެރޭގައި ބަނގުރާ ބޯން ތިބި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު އެ ރަށުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރު ކުރީ އިއްޔެ މެންދުރު 1:48 ހާއިރު ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެއްގެ އިތުރުން 42 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ހަތަރު މީހުން ހައްޔަރު ކުރީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިމާރާތުގައި އަލަށް ހަދަމުންދާ ގެސްޓް ހައުސްއެއްގެ ތެރޭގައި ބަޔަކު މީހުން ބަނގުރާ ބޯން ތިބި ކަމަށް ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ގެސްޓް ހައުސް ހަދަމުންދާ ސަރަޙައްދުގައި ހުރި ހަޓެއްގެ ތެރޭގައި ތިއްބައި ކަމަށެވެ.
އެ މީހުން ތިބި ސަރަހައްދު ބަލައި ފާސްކުރި އިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 500 އެމް އެލްގެ ފުޅިއެއް އެމީހުން ތިބި ހަޓުގެ ތެރޭގައި ހުރި މޭޒެއްގެ ދަށުން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އިތުރަށް ބަލައި ފާސް ކުރި އިރު ބަނގުރާ ބޭނުން ކޮށްފައި ހުރި ކަމަށް ބެލެވޭ ތަށިތަކަކާއި ފުޅިތަކެއް ވަނީ ފެނިފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރު ކުރި 38 އަހަރުގެ މީހާ ފިޔަވައި ދެންތިބި ތިން މީހުންގެ ޔޫރިން ވަނީ ބަނގުރާ ބޭނުންކޮށްގެން ހުރި ކަމަށް ޕޮޒިޓިވް ވެފައި ކަމަށެވެ. އަދި 38 އަހަރުގެ މީހާ ބަންދުގައި ބަހައްޓަށް ނުފެންނަ ކަމަށް ނިންމައި ދެން ތިބި ތިން މީހުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ތިން ދުވަހުގެ ބަންދުގެ މުއްދަތެއް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.