މައްކާ (ސެޕްޓެމްބަރ 28) : މި އަހަރުގެ ޙައްޖު މޫސުމުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޓަކައި މިހާތަނަށް 2.5 މިލިޔަން މުސްލިމުން މައްކާއާއި މަދީނާގައިވާ މުގައްދަސް ބިންތަކަށް އައިސްފައިވާ ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.

ހައްޖުގެ ކަންތައްތަކާ ބެހޭ ސައޫދީ ވުޒާރާ އިން ބުނީ މިހާތަނަށް ގާތްގަނޑަކަށް 2.5 މިލިޔަން ހައްޖުވެރިން މުޤައްދަސް ބިންތަކަށް އައިސްފައިވާ އިރު ކުރިޔަށްއޮތް ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި އިތުރު ހަލައްކައެއްހާ ޙައްޖުވެރިން އަންނާނެ ކަމަށް ބެލެވޭކަމުގަ އެވެ. އެހެންކަމުން ތިން މިލިޔަނަށް ވުރެ ގިނަ މުސްލިމުން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާނެ ކަމަށާ މިއީ މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވި މީހުންނަށް ވުރެ ބޮޑުއަދަދެއް ކަމަށް ވެސް އެވުޒާރާއިން ބުނެ އެވެ. ކުރިޔަށްއޮތް ހަތަރު ދުވަހުގެ ތެރޭގައި މައްކާއަށް ދާނެ ކަމަށް ބެލެވެނީ ސައޫދީ އަރަބިޔާގެ އެތެރެއިން ހައްޖަށްދާ މީހުން އެކަނި ކަމަށާ ބޭރުގައުމުތަކުން ޙައްޖުގެ އަޅުކަމަށް އަންނަ މީހުން މިހާރު އައިސް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ސައޫދީ މަސްއޫލުވެރިން ވިދާޅުވެ އެވެ.

އަނެއްކޮޅުން ހައްޖުވެރިންގެ ސަލާމަތާއި އަމަނަށްޓަކައި ހަރަކާތްތެރިވާ ސައޫދީ ސަލާމަތީ ޚާއްސަ ބާރުތަކުގެ ކޮމާންޑުން ހާމަކުރާގޮތުގައި އެބާރުތައް މިހާރުވަނީ މިއަހަރުގެ ހައްޖުމޫސުމަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ. މިގޮތުން މައްކާއާއި މުޤައްދަސް އެހެން މަޝާއިރުތަކުގައި ސަލާމަތީ ބާރުތައް މިހާރުވަނީ ފުރިހަމައަށް ރުކުރުވާލައި ތައްޔާރުވާން ޖެހޭ ހުރިހާ ކަމަކަށް ތައްޔާރުވެފައި ކަމަށް ސައޫދީ މަސްއޫލުވެރިން ވިދާޅުވެ އެވެ. ސައޫދީ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާ ގޮތުން ހައްޖުވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުންނާއި ތޮއްޖެހުމުން ސަލާމަތް ކުރުމުގެ ގޮތުން ސަފާއާއި މަރުވާއާ ދެމެދުގައިވާ ބްރިޖްގައި ހަރަކާތްތެރިވުމުގެ ކަންތައްވެސް ކުރީ އަހަރުތަކަށް ވުރެ މިއަހަރު ފަސޭހަ ގޮތަކަށް އިންތިޒާމް ކޮށްފައިވާ ކަމަށް ސައޫދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ. އަދި މަސްޖިދުލްޙަރާމްއަށް ވަނުމަށް ހަތަރު ސަރަހައްދަކާއި އެމިސްކިތުން ނުކުތުމަށްވެސް ހަތަރު ސަރަހައްދު ހަމަޖެހިފައިވެ އެވެ.

މައްކާގެ ޙަރަމްފުޅު ބޮޑު ކުރުމަށްޓަކައި ކުރިޔަށްގެންދާ މަޝްރޫއުގެ ބޮޑުބައި މިހާރު ނިމިފައިވާތީ އެތަންތަނުގެ ބޭނުން ހިފުމުގެ ފުރްސަތު މިއަހަރުގެ ހައްޖު މޫސުމުގައި ހައްޖުވެރިންނަށް ދިނުމަށް ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒު ވަނީ ސައޫދީ މަސްއޫލުވެރިންނަށް އަމުރު ކުރައްވާފަ އެވެ. (އަލްޖަޒީރާ)