28 Sep 2014, 09:51
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަށެއް ޖަހާ ކަންހާއިރު، މަސައްކަތުގެ ވަރުބަލިކަން ފިލުވާލުމަށް ރަހްމަތްތެރިއަކާ އެކު ސައިކަލު ބުރެއްޖަހާލަން ނުކުތީމެވެ. މަޑުމަޑުން ސައިކަލް ދުއްވަމުން ދިޔައިރު ރަޙްމަތްތެރިޔާ ކިޔައިދެމުން ގެންދިޔައީ މާލެ ތެރޭގައި ވައްކަންތައް އިތުރުވާ ވާހަކަ އެވެ. އެވާހަކާގައި ގޮސް ފެމެލީ ކޯޓާ އަރައި ހަމަވިތަނުން އެ ސަރަހައްދުން ފެނުނީ ޒުވާނުންތަކެއް މާރާމާރީ ހިންގާ މަންޒަރެވެ. އަޑުވީއްލާފައި އެކަކު އަނެކަކަށް "ހަޔާތް ގޮވަމުން" މާރާމާރީ ހިންގަނީ އެވެ. އެވެރިން ޖަހާނެ ސަކަރާތެއް ޖަހައި ހިންގާނެ ވަރަކަށް މާރާމާރީ ހިންގާފައި އެހިސާބު ދޫކޮށް ދިޔައިރު ވެސް އެކަން ހުއްޓުވާނެ އެކަކު ވެސް އެހިސާބަކަށް ނާދެ އެވެ.
އެމަންޒަރު ބަލަން ތިބެފައި އެ ޒުވާނުންތައް އެހިސާބުން ދިއުމުން، ދުފާލުމަށް ޓަކައި ރަހްމަތްތެރިޔާއާ ދެވެރިން 'ކަސްރަތު ޕާކް' ތެރޭގައި ހުރި ގޮނޑިއެއްގައި ޖައްސާލީމެވެ. ޕާކުގެ އެކި ދިމަދިމާ އަށް ނަޒަރު ހިންގައިލުމުން ފެނުނީކީ ބައިލުމަކަށް މާކަ ފަސޭހަ މަންޒަރުތަކެއް ނޫނެވެ. އަދި ރީތި މަންޒަރުތަކެއް ވެސް ނޫނެވެ. ޕާކުގެ އެކި ތަންތަނުގައި ތިބި ތަފާތު އުމުރުފުރައިގެ މީހުން ޖޯޑުޖޯޑަށް ތިބެ "ގައިގޯޅި" ވަނީ އެވެ. އޭގެ ތެރޭގައި ޅައުމުރު ފުރައާއި ޒުވާން އުމުރު ފުރައިގެ ޖޯޑުތައް ގިނަ އެވެ. މިއީ މާލޭގައި ހިތްފަސޭހަ ކޮށްލުމަށް ހަދާފައި ހުންނަ ގިނަ ސަރަހައްދުތަކުގައި އާންމު ކަމެކެވެ. ނަމަވެސް ސައްތައިން ސައްތަކަމަށް ބުނާ މި ދިވެހި މުޖުތަމައު ތެރޭގައި އެކަން ހުއްޓުވާނެ މީހަކު ވެސް ނެތީ ތޯއްޗެކެވެ.
އެ މަންޒަރުތައް ބަލަން ނުތިބެން ވެގެން ރަނގަޅަށް ދުފައި ވެސް ނުލައި ސައިކަލަށް އަރައިގެން އެތަނުން ނައްޓާލީމެވެ. މާކަ ގިނައިރެއް ނުވެ އެވެ. ފޯނަށް ދެ މެސެޖް އަ އެވެ. އެ މެސެޖްތަކުގައި ބުނަނީ ވަކި ގޮތަކަށް ހަބަރު ލިޔެފިނަމަ "ކަލޭމެން މަރަން ފަސްނުޖެހޭނެ" ކަމަށެވެ. އެއީ ރާއްޖޭގެ މީޑިއާތަކަށް މި ފަހަކަށް އައިސް ދެމުން އަންނަ އިންޒާރުތަކުގައި ހިމެނޭ މެސެޖެކެވެ. ހަމަ އެރޭ މެންދަންވާން ކައިރިވެފައި ވަނިކޮށް ގިނަ އަދަދެއްގެ ނޫސްވެރިންނާ އެކު ހޯމް މިނިސްޓަރު އުމަރު ނަސީރާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބުނެވެ. ރާއްޖޭގެ ގިނަ މީޑިއާތަކެއް ބައިވެރިވި އެ މީޓީންގައި އެންމެންގެ ވާހަކަތައް ވެސް ހުރީ ކަންބޮޑުވާ ދަރަޖައިގަ އެވެ. މީޓީން ނިންމާފައި ނުކުތްތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިވުނީ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އޮފީހުގައި ރޯކޮށްލި ވާހަކަ އެވެ.
މި ފާހަގަކޮށްލީ އެއް ރެއެއްގެ އެންމެ ހަތަރުވަރަކަށް ގަޑިއިރުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކާއި ފެނުނު ބައެއް މަންޒަރުތަކުގެ ވާހަކަ އެވެ. މިފަދަ އެތައް ޖަރީމާއެއް ކޮންމެ މިނިޓެއްގައި ވެސް މިރާއްޖޭގައި ހިނގަމުން ދާނެ ކަމަށްބެލެވެ އެވެ. މިއީ ދެން ކިހާ ބޮޑުވެއްޖެ ކަމެއް ތޯ އެވެ؟ ކޮންމެ ސަރުކާރަކުން ވެރިކަމަށް އައުމަށް އެންމެ ބާރުލާފައި ރައްޔިތުންނަށްވާ ވައުދު ކޮބައިތޯ އެވެ؟
ސިޔާސީ ވައުދުތަކަށް ބަލާލަމާތޯ އެވެ. އެންމެ ގިނައިން ލިޔެފައިވާ ވައުދަކީ ވެސް އަދި އަޑަށް ބާރުލާފައި އެންމެ ގަދަޔަށް ދެއްކި އަދި ވި ބައެއް ވައުދުތަކަކީ "އަމާން އޮމާން މުޖުތަމައެއް ގާއިމް ކޮށްދޭނެ" ވައުދުގެ ވާހަކަ އެވެ. "މަރަށް މަރުހިފުން" އަދި "އިސްލާމީ ޝަރީއަތް ތަންފީޒުކުރުމު"ގެ ވައުދެވެ. ދިވެހި ތާރީހު ދާދިފަހަކުން ވެސް މިވަނީ ހަތަރު ވެރިކަމެއް ދެކެފަ އެވެ. ސުވާލަކީ އެވައުދުތައް ފުއްދި އެއްވެސް ސަރުކާރެއް ފެނިފައި ވޭތޯ އެވެ؟
ރާއްޖެއަކީ ގޭންގުތައް އުފައްދައި ކޮންޓްރޯލް ކުރާތަކެނޭ ބުނެވޭނެ ފުރުސަތު އެބައޮތެވެ. މާރާމާރީތައް މިވަނީ އިންތިހާއަށް އިތުރުވެފަ އެވެ. މީހުން މެރުމަކީ އާންމު ކަމަކަށް ވެއްޖެ އެވެ. ރޭޕްކުރުމާއި މީހުންގެ މުދަލަށް ގެއްލުންދިނުމާއި ވައްކަން ކުރުމަކީ ކޮންމެ ދުވަހެއްގައިހެން ބާރު ދުވެލީގައި އާންމުވަމުން އަންނަ ކަންކަމަށް ވެއްޖެ އެވެ. އިންޒާރުތަކުގެ މެސެޖުތައް ލޯބިވެރިން ފޮނުވާ މެސެޖަށްވުރެ އިތުރުވެއްޖެ އެވެ. ގައުމުގައި އަމާންކަމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ކޮންމެ ދުވަހެއްގެ އިރުއަރައި އަލިވިލޭ އިރު ގިނަބައެއްގެ ހިތުތެރޭގައި އުފެދޭ ސުވާލަކަށް ވެފައި މިވަނީ "މިއަދު ދެން ހިނގާނީ ކޮންކަމެއްބާއޭ؟" އުފެދޭ ސުވާލެވެ.
ކަންހިނގާ ގޮތް ވަރަށް ސާފެވެ. ހަމަ ކޮންމެ ސަރުކާރެއް ވެސް އެއްހާލެކެވެ. އެފަދަ ހާދިސާއެއް ހިނގާ ދުވަސްވަރެއްގައި ސަރުކާރުގެ މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ފަރާތްތަކުން އެފަދަ ކަންކަން "ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްލާނެ" އެވެ. އަދި ހަމައެހެންމެ އެފަދަ ބަޔާންތައް ވެސް ނެރެ އެވެ. ނަމަވެސް އެފަދަ ހާދިސާއެއް ހިނގާތާ ދުވަސްކޮޅެއްވާ ފަހުން އަނެއްކާ ވެސް އެ ފަރާތްތަކުގެ އަނގަ ބަންދުވެ އެވެ. މީއީ ހަމައެކަނި ހަރުކަށި އިބާރާތުން ކުށްވެރިކޮށްލުމަކުން ހުއްޓޭނެ ކަންކަމަށް ވަންޏާ ރާއްޖެއަކު މީހުނެއް ނުމަރާނެ އެވެ. އަދި މާރާމާރީއެއް ނުހިންގާނެ އެވެ. މީހުންގެ މުދަލަށް ގެއްލުމެއްވެސް ނުދޭނެ އެވެ.
މާރާމާރީގެ މައްސަލަތަކަކީ އެކަންކަން ހުއްޓުވާނެ ކަމަށް ބުނެ ހުސް ވާހަކަ ދައްކައި ނުފުއްދިއޮތް ބޮޑު ވައުދެކެވެ. މިކަން ހުއްޓުވާނެ ކަމަށް ސިޔާސީ ފަރާތްތަކުން ވައުދުވާ އިރު އެކަންކަން ނުހިއްޓި ދިގުލައި ދިޔުމުން އުފޭ ސުވާލުތައް ގިނަ އެވެ.
ވެރިރަށް މާލޭގެ ގޭންގްތަކާ ބެހޭ ގޮތުން މިހާތަނަށް ކުރި ހަމަ އެކަނި އިލްމީ ދިރާސާ އަށް ބަލައިލަމާތޯ އެވެ. މީގެ ދެއަހަރު ކުރިން މޯލްޑިވްސް އިންސްޓްޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސަސް، ޓްރެއިނިން އެންޑް ރިސާޗް އާއި އޭޝިއާ ފައުންޑޭޝަން ގުޅިގެން ކުރި ދިރާސާއަކަށް ފަހު އާއްމުކުރި ރިޕޯޓުން ހާމަވާ ގޮތުގައި މާލޭގެ ގޭންގުތަކުން މިލިއަނުން ލާރި ހޯދަނީ ދެ ފަރާތަކުންނެވެ. އެއީ ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންގެ ފަރާތުންނެވެ.
"ސިޔާސީ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކުން އާންމު ގޮތެއްގައި މުއާމަލާތްކުރަނީ ގޭންގުތަކުގެ ލީޑަރުންނާ އެވެ. ހަވާލުކުރާ މަސައްކަތް ކުރާ މެންބަރުންނަށް ލިބެނީ ފައިސާގެ ވަރަށް ކުޑަ ބައެކެވެ. ލީޑަރުންނަށް ބައެއް ފަހަރު މަހަކަށް އެއް ލިމިޔަން ރުފިޔާ ލިބެ އެވެ. އެއީ ސިޔާސީ މީހުންގެ މުޑުދާރު ހަރަކާތްތައް ހިންގައިދިނުމަށް ތައްޔާރަށް ތިބޭތީ އެވެ،" ރިޕޯޓްގައިވެ އެވެ.
އެރިޕޯޓްގައި ބުނެފައިވާ ގޮތުން ސިޔާސީ ފަރާތްތަކުން ގޭންގުތަކަށް ހަރަދުކޮށްގެން ހިންގާ ޖަރީމާތަކަށް ބަލާ އިރު ރައްޔިތުންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމުގެ ބޭނުމުގައި ހިންގާ ޖަރީމާތަކާއި ސިޔާސީ ވާދަވެރިން ހިންގާ ސިޔާސީ ހަރަކާތްތައް ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލައި ނާކާމިޔާބު ކޮށްލުން ހިމެނެ އެވެ.
ނަމަވެސް ހުރިހާ ސިޔާސީ ޕާޓީތަކުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެއީ އެ ޕާޓިތަކުން ހިންގާކަމެއް ނޫން ކަމަށް ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް ބުނެ އެވެ.
ގޭންގުތަކާއި މިހިނގާ ޖަރީމާތައް ނުހުއްޓުވޭ އެހެން ސަބަބުތަކެއް ވެސް އެބަވެ އެވެ. މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ ޖަރީމާތަކާއި އެ ޖަރީމާތައް ހިންގި ކަމަށް ބެލެވޭ ފަރާތްތަކަށް އަދަބު ނުދެވިފައި ވުމަކީ ވެސް މިފަދަ ކަންކަން އިތުރުވުމަށް ދިމާވާ ކަމެކެވެ. އެފަދަ މައްސަލަތައް ތަހުގީގުކޮށް އަދަބު ދިނުމަށްޓަކައި ގާނޫނަށް ބަދަލުގެންނަން ޖެހޭކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.
ގާނޫނީ ވަކީލް އަލީ ޝާހް ވިދާޅުވީ، ރާއްޖޭގައި ހިންގަމުންދާ މާރާމާރީތައް ނުހުއްޓުވޭ ކަމުގެ ހަގީގީ ސަބަބަކީ ކޮންމެ ފަހަރަކު ވެސް އެއިރެއްގައި "ވެރިކަން ކުރާ ފަރާތުން އެކަމަށް ނުކުޅެދުން" ކަމަށެވެ. އެގޮތުން ސިޔާސީ މީހުން ރައްކާތެރިކުރުމަށް ބޮޑީގާޑުން ބައިތިއްބައިގެން އެފަރާތްތައް ރައްކާތެރިކުރެވޭ އިރު މި ކުޑަ މުޖުތަމައު ނުބެލެންވީ ސަބަބެއް ނުވިސްނޭ ކަމަށް ޝާހް ވިދާޅުވި އެވެ.
"މާލޭގައި މާރާމާރީ ހިންގާ ތިން ހަތަރު ޕޮއިންޓެއްގައި، އެކަން ނުހުއްޓުވޭނެ ސަބަބެއް ނެތް. ފުލުހުންނަށް އެނގޭ ހިންގާ ފަރާތްތައް، ޗެކް ޕޮއިންޓްތައް ނެހެދޭ ސަބަބުތައް ނެތް،" ޝާހް ވިދާޅުވި އެވެ.
ޝާހް ދެކެވަޑައިގަންނަވާ ގޮތުގައި މާރާމާރީ ހުއްޓުވުމަށް ކުރަންޖެހޭ ކަމަކީ ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމެވެ. ބާރުވެރިވުމެވެ. އަދި ފުލުހުން އެކަންކަން ކުރުމުގެ "ކެޕޭސިޓީ ނެތް ކަމަށް ބުނާ ނަމަ ސަރުކާރުން އެކަން ކޮށްދޭންޖެހޭ" ކަމަށް ޝާހް ވިދާޅުވި އެވެ.
އެފަދަ ޖަރީމާތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާކަމަށް ސަރުކާރުން ބުނެ އެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، މާރާމާރީތަކާއި މީހުން މެރުމުގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކަށް އަމާޒުކޮށްގެން "ވަރުގަދަ ހަމަލާއެއް ތައްޔާރު ކުރަމުންދާ" ކަމަށެވެ. އެކަން ހުއްޓުވުމަށް ސަރުކާރުން އެޅުމަށް ހަމަޖައްސާ ވަނީ ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް ކަމަށާއި އެ ފިޔަވަޅުތައް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ [މި މާރާމާރީތަކާއި މީހުން މެރުވުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ] މުޅި ސްޓްރަކްޗަރަށް އެއްކޮށް ދޭނެ ހަމަލާއެއް އަޅުގަނޑުމެން މި ދަނީ ތައްޔާރުކުރަމުން. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ދޭނަން. ފުލުހުންނަށް ވަރަށް އުފާވެރި ވާހަކައަކަށް ވާނެ މި ވާހަކައަކީ. ތިޔަ ބޭފުޅުން ޔަގީންކުރައްވަން ވާނެ،" އުމަރު ވިދާޅުވި އެވެ.
ގައުމު ހަލަބޮލި ކުރުމާއި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް މި ހިންގާ ޖަރީމާތަކުގައި ގިނައިން ހަރަކާތްތެރިވާތަން ފެންނަނީ ޒުވާނުންނެވެ. މިއީ މާދަމާ ގައުމާއި ހަވާލުވާން ތިބި މީހުންގެ ހާލެވެ. ގައުމުގެ މުސްތަގުބަލް ދެން ވަޒަން ކޮށްލާށެވެ.
ޒުވާނުންގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީގެ ތިންބައި ކުޅަ އެއްބަޔަކީ ޒުވާނުން ކަމަށްވާ އިރު އޭގެ ތެރެއިން ކުށްތަކަށް އަރައިގަންނަނީ މަދު ޒުވާނުންތަކެކެވެ. އެކަން އެހެން ވުމަށް މެދުވެރިވާ ސަބަބަކީ ޒުވާނުން ވަގުތު ހޭދަކުރާގޮތް ގޯސްވުމުން ކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ހަގީގަތް ވަރަށް ސާފެވެ. މާރާމާރީތައް ހިންގުން އިންތިހާ ދަރަޖައަށް އިތުރުވެފައިވުމާއި މީހުން މެރުން މިވަނީ އިތުރުވިވީނުން އާދައިގެ ކަމަކަށް ވެފަ އެވެ. އެކަންކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއް އެޅޭތަނެއް ނުފެނެ އެވެ. މިހެން ބުނެވޭ ސަބަބަކީ އެކަން ނުހުއްޓުވި ދުވަހުން ދުވަހަށް އިތުރުވާތީ އެވެ. މިފަދަ ހާދިސާތައް އިންތިހާ އަށް އިތުރުވާ އިރު މިކަން ހުއްޓުވާނެ ކަމަށް ބުނި ސިޔާސީ ފަރާތްތަކުން ކުރަނީ ކީއްބާ އެވެ؟