ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި، އެ މީހުންނަށް ޖައްސާފައިވާ ނިކަމެތި ހާލުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓް ދޭނެ މީހަކު ނެތް ކަމަށާއި ސަރުކާރަށް ޒައްރެއްގެ މިންވަރެއްގެ ފުރުސަތެއް ވެސް ދިނުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ، "ފުދިއްޖެއޭ! ހޯހޯއޭ! އެމްޑީޕީއަށް ފުރުސަތު ދޭނެ މީހަކު ނެތް" ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލަށް ޑީއާރުޕީގެ ފަރާތުން ކުރިމަތިލާފައިވާ ދިހަ ކެންޑިޑޭޓުން ތައާރަފް ކުރުމަށްޓަކައި އެ ޕާޓީން ރޭ ގިޔާސުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ ރައްޔިތުންނަށް ފުދުންތެރިކަމެއް ހޯދައިދޭނެ ކަމަށް ބުނެ ރިއާސީ އިންތިހާބުގައި ވެސް ދެއްކި ވާހަކަތައް މިއަދު ވެސް އެމްޑީޕީން ތަކުރާރު ކުރަމުންދާ ކަމަށާއި އެ ވައުދުތަކުގެ ތެރެއިން އެއްވެސް ވައުދެއް ރައްޔިތުންނަށް މިއަދާ ހަމައަށް ވެސް ފުއްދައިދީފައި ނުވާ ކަމަށެވެ.

އަނެއް ދިވެހި ރާއްޖެ ރަށަށް ކެމްޕެއިން ޖަލްސާގައި މިދިޔަ ބުރާސްފަތި ދުވަހު ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ތަސްމީން ވިދާޅުވި އެވެ.

"ރައީސް ވިދާޅުވި ޒައްރެއްގެ މިންވަރު ވެސް ތިމަންނަމެންނަށް ލިބިއްޖެއްޔާ މި ރާއްޖެ އަށް ބަދަލު ގެންނާނަމޭ. އަޅުގަނޑު ދަންނަވާނީ މިހާރު ވެސް ރައްޔިތުން ތިބި ހާލުވެސް ވަރަށް ގޯހޭ. ރައްޔިތުން ތިބީ، ބޮޑު ނިކަމެތި ކަމެއްގެ ތެރޭގައި. ވަރަށް ބޮޑެތި ތަހަންމަލްތަކެއް ކުރިމަތި ވަމުން ދަނީ. އިތުރަށް މި ބަދަލު ކުރިއަށް ގެންދަވަވައިފި ކަމުގައިވާ ނަމަ އަޅުގަނޑުމެން ހޯދައި ނުވެސް ފެންނާނެ." އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ތަސްމީން ވިދާޅުވީ ހުސް ވައުދުތަކެއް ވަމުންދާ މިއަދުގެ ސަރުކާރު ފެއިލްވެފައިވެފައިވާ ކަމަށާއި އެމްޑީޕީން ވެރިކަމާ ހަވާލުވުމުން ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަކީ އެމްޑީޕީގެ ފިކުރެއް ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލައި ވާހަކަތަކެއް ސަރުކާރުން ދައްކާ ކަމަށް ވިދާޅުވެ، ތަސްމީން ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ މަސައްކަތް މަޖިލީހުގެ ތެއިން ފާސް ނުކުރުމަށްޓަކައި އެމްޑީޕީން މަސައްކަތްތަކެއް ކުރި ކަމަށެވެ. ނަމަވެސް އެ ގާނޫނު ވުޖޫދަށް އައިސް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވިގެންދަނީ ޑީއާރުޕީ އާއި އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތެރެއިން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ.

ތަސްމީން އިތުރަށް ވިދާޅުވީ ސަރުކާރުގެ އިހުމާލުން ރައްޔިތުންނަށް ނިކަމެތިކަން މިއަދު ކުރިމަތިވެފައި ވުމުން، އުންމީދުގެ އަތް ދިއްކުރަނީ ޑީއާރުޕީއާ ދިމާލަށް ކަމަށާއި ޑީއާރުޕީއަށް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވިގެން ނޫނީ ރައްޔިތުން ސަލާމަތް ކުރެވެން ނެތް ކަމަށެވެ.

ތަސްމީންގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ "އެމްޑީޕީއަށް ފުރުސަތު ދޭނެ މީހަކު ނެތް" ކަމަށާއި ރައްޔިތުން މިއަދު ބުނަން އޮތް ވާހަކައަކީ "ފުދިއްޖެއޭ، ފުދިއްޖެއޭ، ފުދިއްޖެއޭ! ހޯހޯއޭ، ހޯހޯއޭ، ހޯހޯއޭ! އަޅުގަނޑުމެންނަށް އިތުރު ދޮގުތަކެއް ހައްދަވާނެ ކަމެއް ނެތޭ. ވައްސަލާމޭ." ހަރު އަޑުން ތަސްމީން ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި މާލޭގެ 11 ދާއިރާތަކުގެ ތެރެއިން މާފަންނު ހުޅަނގު ދާއިރާއަށް ޑީއާރުޕީގެ މެންބަރަކު ކުރިމަތިލާފައި ނުވާތީ އެ ދާއިރާއަށް ޖުމްހޫރީގެ ޕާޓީގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓަށް ތާއިދު ކުރާ ކަމަށް އެ ޕާޓީން ރޭ ވަނީ އިއުލާންކޮށްފައިވެ އެވެ.

މާލޭގެ ދިހަ ދާއިރާއަށް ކުރިމަތިލާ ޑީއާރުޕީގެ ކެނޑިޑޭޓުން ތައާރަފް ކުރުމަށްޓަކައި ރޭ ބޭއްވި ޖަލްސާގައި ތަސްމީން ފެކްޝަނުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވާ އިރު، އެ ޕާޓީގެ ޒައީމު އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމަށް އެ ޖަލްސާއަށް ދައުވަތު ދެއްވާފައިވާ ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިދިޔަ ހަފްތާގައި ވިދާޅުވެފައިވި ނަމަވެސް އެމަނިކުފާނު ރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެ އެވެ.