28 Sep 2014, 09:39
ރޭގެ ނިޔަލަށް ނިންމާލަން އޮތް ބޯހިމެނުމުގެ ކަންކަން ނުނިންމިގެން އެކަން ކުރަން ތިން ދުވަސް އިތުރުކޮށްފި އެވެ.
ބޯހިމެނުމުގެ ހަރަކާތުގެ މީޑިއާ ކޯޑިނޭޓާ ޝިއުނީމާ ބަސީރު މިއަދު ސަން އަށް ވިދާޅުވީ ބޯހިމެނުމަށް ތިން ދުވަސް އިތުރު ކުރަން ޖެހުނީ މާލޭގެ ގިނަ ގޭގޭ ކަވަރު ކުރެވިފައި ނުވުމާއި މާލެއިން ގިނަ ފަރާތްތަކުން ބޯހިމެނުމަށް އެގޭތަކަށް ދިޔުމަށް އެދެމުން ދާތީ ކަމަށެވެ.
"ގޭގޭ ތަޅުލާފައި ހުންނާތީ ހުރިހާ ގެއެއްގެ ހުރިހާ ފްލޯއަކަށް އަޅުގަނޑުމެންގެ ކުދިންނަކަށް ނުދެވޭ، އެހެން އޮށްވައި އަޅުގަނޑުމެން މެސެޖްތަކެއް އާންމުކުރީ ބޯހިމެނުގައި ހަރަކާތްތެރިނުވާ ފަރާތްތަކުން ގުޅަންވީ ނަމްބަރާ އެކު، އެއާ އެކު ހީކުރި ވަރަށް ވުރެ ގިނަ ގޭގޭއިން ގުޅި،" ޝިއުނީމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރޭގެ ނިޔަލަށް ބޯހިމެނުމުގެ ކަންކަން ނިންމޭތޯ އިތުރު ޓީމްތައް ނަގައިގެން ވެސް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އަތޮޅުތެރެއިން ބޯހިމެނުމުގެ ކަންކަން ގާތްގަނޑަކަށް ވަނީ ނިމިފައި ކަމަށެވެ.
މިފަހަރުގެ ބޯހިމެނުމުގައި 3500 އޮފިޝަލުން ބޭނުންކުރާ އިރު އޭގެ ތެރެއިން މާލޭގައި 1500 އޮފިޝަލުން އަދި އަތޮޅުތަކުގައި 2000 އޮފިޝަލުން ހަރަކާތްތެރިވެ އެވެ. ބޯހިމެނުމުން ލިބުނު މައުލޫމާތުތައް ހަ މަސް ދުވަހުގެ ތެރޭގައި ހާމަކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެ އެވެ.
ކޮންމެ ފަސް އަހަރަކުން ބޯހިމަނަން ޖެހޭ ގޮތަށް އޮތް ނަމަވެސް މިފަހަރުގެ ބޯހިމެނުމުގެ ކަންކަން ކުރިއަށް ގެންދަން ފަށާފައި ވަނީ ބޮޑު މެދުކެނޑުމަކަށްފަހު އެވެ. އެންމެ ފަުން ބޯހިމަނާފައި ވަނީ 2006 ވަނަ އަހަރު އެވެ.