28 Sep 2014, 09:19
ތެހެރާން (ސެޕްޓެމްބަރ 28) : އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން އީރާނުގެ ސަރަހައްދީ ރޮނގާ ކައިރިވެ އީރާނުގެ އެތެރެ އަށް ވަންނަން މަސައްކަތް ކޮށްފި ނަމަ އެ ޖަމާއަތަށް އިސްވެ ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ.
އީރާނުގެ އެއްގަމު ސިފައިންގެ ކޮމާންޑަރު ޖެނެރަލް އަހްމަދު ރިޒާ ބޫދިސްތާން ވިދާޅުވީ އައިއެސް ޖަމާއަތަކީ އީރާނުގެ އަމަނާއި ސަލާމަތަށް އޮތް ބޮޑު ނުރައްކަލަކަށް ވުމުގެ އިތުރުން އީރާނަކީ އެ ޖަމާއަތުގެ އެއް ނަންބަރު ދުޝްމަނެއް ކަމަށް އިޢްލާންކޮށްގެން އުޅޭ ޖަމާއަތަކަށް ވާތީ އެޖަމާއަތުގެ ހަނގުރާމަވެރިން އީރާނުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ހަރަކާތްތެރިވުމުގެ ފުރުސަތު ނުދޭނެ ކަމުގަ އެވެ. އަދި އައިއެސް އިން ހިންގަފާނެ އުދުވާނަކާ ކުރިމަތިލުމަށް އީރާނުގެ ސިފައިން ތިބީ ތައްޔާރީ ޙާލަތެއްގައި ކަމަށް ވެސް އިރާނުގެ ކޮމާންޑަރު ވިދާޅުވި އެވެ. އައިއެސްގައި ހިމެނޭ ބައެއް ކޮމާންޑަރުންނަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން އީރާނާ ދެކޮޅަށް ކުރެއްވި އަށް އަހަރުގެ ހަނގުރާމައިގާ ބައިވެރިވެފައިވާ ކޮމާންޑަރުންނެވެ. އެ ހަނގުރާމައިގާ އިރާގުގެ އޭރުގެ ލަޝްކަރުތަކުން އީރާނުގެ މިލިޔަނެއްހާ ސިފައިންނާއި އާންމުން މަރާލައި އީރާނުގެ އެތައް ހާސް ވިލެޖެއް ވީރާނާކޮށްލާފައިވެ އެވެ. އައިއެސް އިން ވަނީ އެ ޖަމާއަތުން ކުރާ ހަނގުރާމައިގެ އެންމެބޮޑު އަމާޒަކީ އިރާގުގެ ޝިޔަޢީންނާއި އިރާގު ސަރުކާރާއި އެސަރުކާރަށް ވާގިވެރިވާ ގައުމެއް ކަމަށްވާ އީރާން ކަމަށް ކުރިން އިޢްލާންކޮށްފަ އެވެ.
އައިއެސްއަކީ އިރާގުގައި ހިނގަމުންދާ ސުންނީ ޝިޔަޢީގެ މަޛްހަބީ ތަޅާފޮޅުންތަކާ އެކު ޝިޔަޢީންނާ ދެކޮޅަށް ބަދަލު ހިފުމުގެ ރޫހެއްގައި އުފެދިގެން ހަރަކާތްތެރި ވަމުންދާ ޖަމާއަތެކެވެ. އައިއެސްއާ ދެކޮޅަށް އިރާގުގައި ހަނގުރާމަކުރާ ޖަމާއަތްތަކަކީ ސުންނީންނާ ދެކޮޅަށް ބަދަލުހިފުމުގެ ރޫހުގައި މަސައްކަތްކުރާ ޝިޔަޢީ ޖަމާއަތްތަކެވެ. އިރާގުގައި ޒަމާނުއްސުރެ އޮތް ސުންނީ ޝިޔަޢީންގެ އަރާރުންތަކާއި ތަޅާފޮޅުންތަކާއި ހަސަދަ އާއި ބަދަލުހިފުމުގެ ރޫހު ބޮޑުވެގެން ދިޔައީ އެމެރިކާ ސިފައިން އިރާގަށް އަރައި އިރާގު ބައިބައި ކުރުމަށް ހިންގި ފިތްނައިގެ އަމަލުތަކުގެ ސަބަބުން ކަމަށް ކަމާބެހޭ މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
އިރާގުގައި ހިނގަމުންދާ ސުންނީ ޝިޔަޢީންގެ މަޛްހަބީ ތަޅާފޮޅުންތައް ވަނީ ދިގުލީ ދާޚިލީ ހަނގުރާމައަކަށް ބަދަލުވެފަ އެވެ.
އައިއެސްގެ ހަނގުރާމަވެރިން އީރާނުގެ ސަރަހައްދީ ރޮނގާ ގާތްވާން ފަށައިފި ނަމަ އިރާގުގެ އެތެރޭގައި ތިއްބައި ބަރުހަތިޔާރުން އެމީހުންނަށް ހަމަލާދޭނެ ކަމަށް އީރާން އެއްގަމު ސިފައިންގެ ކޮމާންޑަރު ޖެނެރަލް އަހްމަދު ރިޒާ ވިދާޅުވި އެވެ. އަނެއްކޮޅުން އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކާއި ބައެއް އަރަބި ގައުމުތައް ގުޅިގެން ސޫރިޔާގައިވާ އައިއެސްގެ މަރުކަޒުތަކަށް ވައިގެ މަގުން ވަރުގަދަ ޙަމަލާތަކެއް ދެމުންގެންދާތާ މިހާރުވަނީ ހަދުވަސްވެފަ އެވެ. މިޙަމަލާތަކާ ގުޅިގެން އެޖަމާއަތް ބަލިކަށިވާން ފަށާފައިވާ ކަމަށް އެމެރިކާ ވަނީ ބުނެފަ އެވެ. (އަލްޖަޒީރާ)