27 Sep 2014, 22:35
ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔުމަށްޓަކައި އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕަށް ފައިސާ ދިން މީހުންގެ ތެރެއިން މިހާތަނަށް އެ މައުލޫމާތު ހިއްސާކޮށްފައިނުވާ ފަރާތްތަކުން ފުލުހުންނަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އަނެއްކާވެސް އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ ހައްޖަށް ދިޔުމަށްޓަކައި އެ ގްރޫޕަށް ފައިސާ ދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފުލުހުންނަށް އެ މައުލޫމާތު ހިއްސާކޮށްފައިނުވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާ ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ހައްޖަށް މީހުން ގެންދާނެ ކަމަށް ބުނެ ފައިސާ އަތުލުމަށްފަހު ފަހުވަގުތު އެކަން ކުރެވެން ނެތް ކަމަށް ބުނުމުން، ގިނަ ބަޔަކަށް ހައްޖަށް ދިޔުމުން މަހުރޫމްވަމުންދާތީ އެކަން ހައްލު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ޑިޕޮސިޓުގެ ގޮތުގައި 5 މިލިއަނާއި 8 މިލިއަނާ ދެމެދުގެ އަދަދަކަށް ފައިސާ ބެހެއްޓުމުން ނޫނީ އެފަރާތަކަށް ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.
ހައްޖަށް ދިޔުމުގެ އަގު ކުޑަކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން އެކަމާ ގުޅޭގޮތުން ނިންމާ ނިންމުން ކައިރިމުސްތަގުބަލެއްގައި ރަސްމީކޮށް އިއުލާން ކުރައްވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.