ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކުރީގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑާ ގުޅެން ބޭނުންވާކަމުގެ އަޑުތައް އިތުރަށް ފެތުރެން ފަށާފައިވީ ނަމަވެސް ރެއާލް މެޑްރިޑުގައި މަޑުކުރާނޭ ކަމަށް އޭނާ ބުނެފައިވާތީ އެކަމާ އުފާކުރާ ކަމަށް ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފި އެވެ.

އެންޗެލޮޓީ ބުނީ ރޮނާލްޑޯ މެޑްރިޑްގައި ހުރުމަކީ ނަސީބެއް ކަމަށާއި އެގޮތުން އޭނާ އެ ކްލަބުގައި ބެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

"ރޮނާލްޑޯ ޓީމުގައި ހުރީ ހިތްހަމަ ޖެހިގެން ކަމަށް އަހަރެން ގަބޫލު ކުރަން. އަދި ހުރިހާ ކުޅުންތެރިންވެސް އުފާވޭ އޭނާ ޓީމުގައި ހުރުމުން. ރޮނާޅްޑޯ އަކީ ވަރަށް ވަރުގަދަ ކުޅުންތެރިއެއް. އޭނާ ބެހެއްޓުމަށް އަހަރެންގެ ބާރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. އުފާ ކުރަން އޭނާ ޓީމުގައި ހުންނާތީ. އެއީ ނަސީބެއް،" އެންޗެލޮޓީ ބުންޏެވެ.

އެންޗެލޮޓީ ބުނީ ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި ރެއާލަށް އޭނާ ކުޅެދިނުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް ރޮނާލްޑޯ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ. އަހަރެމެން ވަރަށް އުފާވޭ ރޮނާލްޑޯ ރެއާލަށް ކުޅެދޭތީ،" އެންޗެލޮޓީ ބުންޏެވެ.