21 Jan 2011, 23:29
ވޮޝިންގޓަން : އެމެރިކާއާއެކު ހަތިޔާރުގެ ރޭހެއްޖެހުމުގެ ވިސްނުން ޗައިނާ ނުގެންގުޅޭ ކަމަށް ޗައިނާގެ ރައީސް ހޫޖިންޓާއޮ ވިދާޅުވެއްޖެއެވެ. ހޫޖިންޓާއޮ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެޤައުމުގެ ވިޔަފާރިއާބެހޭ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ހަތިޔާރުގެ ރޭސްޖެހުމާއި ހަނގުރާމަތަކާއި ތަޅާފޮޅުންތަކަށް ޚަރަދުތައް ކުރުމަކީ ޗައިނާގެ ސިޔާސަތެއް ނޫންކަމުގައެވެ. އަދި އެމެރިކާއަށްވެސް އަދި އެހެން ޤައުމަކަށްވެސް ޢަސްކަރީ ނުރައްކަލެއްގެ ގޮތުގައި ޗައިނާ ނުފެންނާނެ ކަމަށާއި އެއްވެސް ޤައުމަކަށް އިސްވެ ޙަމަލާދިނުމާއި ޤައުމަކަށް އަރައިގަތުން ފަދަ ހަރުކަށި އަމަލުތައް ހިންގުމަކީ ޗައިނާ ކުރާނެ ކަމެއްނޫން ކަމަށް ހޫޖިންޓާއޮ ވިދާޅުވިއެވެ.
ހޫޖިންޓާއޮ ވިދާޅުވީ ޗައިނާގެ އިޤްތިސާދީ ފަލްސަފާއަކީ ސޯސަލިޒަމް ކަމަށާއި ޗައިނާގެ ލަނޑުދަނޑިއަކީ ސޯސަލިޒަމްގެ މައްޗަށް ބިނާވެފައިވާ ހުރިހާ ގޮތަކުންވެސް ޒަމާނީ އަދި ބާރުގަދަ ދައުލަތަކަށްވުން ކަމުގައެވެ. ނަމަވެސް ޓައިވާނާއި ޓިބެޓަކީ ޗައިނާގެ ސިޔާދަތުގެ ތެރޭގައި ހިމެނޭ ދެތަންކަމަށާއި އެއްވެސް ބަހަނާއެއްގައި މިދެތަނުގެ މައްސަލަތަކުގެ ތެރެއަށް ވަނުމުގެ ފުރްސަތު އެއްވެސް ޤައުމަކަށް ނުދެވޭނެ ކަމަށް ހޫޖިންޓާއޮ ވިދާޅުވިއެވެ. އެމެިރކާ ގެންދަނީ ޗައިނާއިން ޒަމާނީ ހަތިޔާރު ހަދައި އަސްކަރީ ގޮތުން ޗައިނާ ބާރުގަދަކުރަމުން ގެންދާތީ އެކަމާމެދު ކަންބޮޑުވާކަން ތަކުރާރުކޮށް ހާމަކުރަމުންނެވެ.
އަނެއްކޮޅުން އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުން ގެންދަވަނީ ޗައިނާއިން އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ނުކުރާކަމަށް ބުނެ އެމެރިކާ ގެ މަސްއޫލުވެރިން ދައްކަމުން ގެންދާ ސިޔާސީ ވާހަކަތައް ހޫޖިންޓާއޮގެ މިދަތުރުފުޅާ ގުޅިގެންވެސް ފެންމަތި ކުރެވޭތޯ މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ހޫޖިންޓާއޮ މިވާހަކަތަކަށް މާބޮޑު ސަމާލު ކަމެއް ދެއްވާފައެއް ނުވެއެވެ. ޗައިނާއިން އިންސާނީ ޙައްޤުތަކުގެ ރޮނގުގައި މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ހޫޖިންޓާއޮ ވިދާޅުވިއެވެ. އަދި މިބާވަތުގެ ކަންތައްތައް ޙައްލުކުރަންޖެހޭނީ ސިޔާސީ ކަމަކަށް ނުހަދައި އަދި ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަދެ ކަމަށްވެސް ހޫޖިންޓާއޮ ވިދާޅުވެފައިވެއެވެ.