27 Sep 2014, 21:59
ގަތަރުގައި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމުގައި އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެ ކަމަށް އެގައުމުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އައްޘާނީ ވިދާޅުވެއްޖެ އެވެ.
ވޯލްޑްކަޕަށް ގަތަރުން ވަމުން އަންނަ ތައްޔާރީއާ މެދު ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދިފައިވާއިރު ފީފާއިން ދަނީ ވޯލްޑް ކަޕް ބާއްވާނެ ވަކި ދުވަހަކާ މެދު މަޝްވަރާ ކުރަމުންނެވެ. އެހެން ނަމަވެސް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ގަތަރުގައި ބޭއްވުމަށް އެއްވެސް މައްސަލައެއް ނެތް ކަމަށް އަމީރު ވަނީ ވިދާޅިވެފައެވެ.
ވޯލްޑް ކަޕް ބާއްވާނެ ތަނަކާ މެދު ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅީވީ ގަތަރަކީ އެންމެ އެކަށީގެންވާ ތަން ކަމަށެވެ.
"އެންމެންވެސް ގަބޫލު ކުރަން ޖެހޭނެ ގަތަރަކީ ކަން އެންމެ އެކަށީގެންވާ ތަނަކީ. މިހާތަނަށް ވޯލްޑު ކަޕުގެ ތާރީހުގައި ވެސް ނުފެންނަ ވަރުގެ ރަނގަޅު ކަޕެއް ގަތަރުގައި ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑަށް ޔަގީން. ވޯލްޑް ކަޕުގައި ގަތަރުން އެއްވެސް މައްސަލައެއް ނުޖެހެނޭ،" އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، ގަތަރު ފަދަ މުސްލިމު ގައުމެއްގައި ވޯލްޑް ކަޕު ފަދަ ބޮޑު މުބާރާތެއް ބޭއްވޭނެ ކަމަށް މީހުން ގަބޫލު ކުރަން ބޭނުން ނުވާ ކަމަށެވެ.
"މީހުން ގަބޫލު ކުރަން ބޭނުން ނުވަނީ ގަތަރު ކަހަލަ ކުޑަ އަދި މުސްލިމު ގައުމެއްގައި ވޯލްޑް ކަޕު ކަހަލަ ބޮޑު މުބާރާތެއް ބޭއްވޭ ކަން،" ޝެހިޚް ވިދާޅުވި އެވެ.
ޖޫން ޖުލައިގައި ބާއްވަމުން އަންނަ ވޯލްޑް ކަޕުގެ ފައިނަލް ގަތަރު ގައި ބާއްވާއިރު މޫސުމީ މައްސަލަތަކާ ހުރެ ޑިސެމްބަރު ނުވަތަ ފިނި މޫސުމުގައި މުބާރާތް ބޭއްވުމުގެ ފުރުސަތު ބޮޑުކަމަށް ފީފާއިން ވަނީ އެއްބަސްވެފައެވެ. މި ބަދަލު ގެނައުމަށް ވާހަކަ ދެކެވިފައިވަނީ ގަތަރުގެ ހޫނު މޫސުމާއި ގުޅިގެންނެވެ.