27 Sep 2014, 19:55
ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕް 2014 ގެ ސެމީ ފައިނަލްގައި ޖަރުމަނު އަތުން ލަދުވެތިގޮތަކަށް ބަލިވުމުން ލިބުނު ހިތްދަތިކަމުން އަރައިގަންނަން ބޭނުންވާނަމަ ޖާމަނީ އާ ދެކޮޅަށް ރީމެޗު ކުޅެން ޖެހޭކަމަށް ބްރެޒިލްގެ ފުޓްބޯޅަ ކޮންފެޑެރޭޝަންގެ ރައީސް ހޯސޭ މާރިއާ މާރިން ވިދާޅުވެއްޖެ އެވެ.
ސައޮ ޕޯލޯގެ މީޑިއާ އަކަށް މައުލޫމާތު ދެއްވަމުން މާރިން ވިދާޅުވީ، އެ މެޗުން ބަލިވުމުން ޓީމަށް ވަރަށް ނޭދެވޭ އަސަރުކުރި ކަމަށާއި އެ ހުރިހާ ކަމަކުން އަރައިގަނެ އަލުން އަނބުރާ ރަނގަޅު ފޯމަކަށް ރުޖޫއަ ވުމަށްޓަކައި ރީމެޗް ކުޅުން މުހިއްމު ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
" އަހަރުމެން ބޭނުން ޖަރުމަނާ އެކީގައި ރަހުމަތްތެރިކަމުގެ މެޗެއް ކުޅެން. ލިބުނު ހިތްދަތިކަން ހަނދާނުން ނައްތާލަން. ހުރިހާ ކަމަކުން އަރައިގަނެ ތާޒާ ކަމާ އެކީގައި އަލުން އަނބުރާ ފުޓްބޯޅައިގެ ތެރެއަށް ވަންނަން. އެދުވަހު އަހަރުމެންގެ ޓީމުން ދެއްކީ ގަބޫލް ނުކުރެވޭ ކަހަލަ ވަރަށް ދަށް ފެންވަރެއްގެ ކުޅުމެއް. އަމިއްލަ ފަސްގަނޑުގައި ބާއްވާ އޮލިމްޕިކް ގޭމްސްގައި އަހަރުމެންނަށް ލިބޭނެ އިތުރު ފުރުސަތެއް. ޓީމުގެ އަމާޒަކަށް ވާންޖެހޭނީ ރަނގަޅު ނަތީޖާއެއް ހޯދައި މާޔޫސް ވެފައިވާ ސަޕޯޓަރުންގެ ހިތްހަމަޖައްސަން،" މާރިން ވިދާޅުވި އެވެ.
މާރިން އިތުރަށް ވިދާޅުވީ 2016 ގައި ބާއްވާ އޮލިމްޕިކް ގޭމްސް އަކީ 2014 ގައި ބްރެޒިލް ފުޓްބޯޅަ ޓީމަށް ނުލިބުނު ކާމިޔާބީ ހޯދަން ދެން އެންމެ އަވަހަށް ލިބޭނެ ފުރުސަތު ކަމަށެވެ.
އަމިއްލަ ގައުމުގައި މިއަހަރު ބޭއްވި ވޯލްޑް ކަޕުގެ ސެމީ ފައިނަލުން ބްރެޒިލް މުބާރާތާ އަލްވަދާއުކީ ޗެމްޕިއަން ޖަރުމަނު އަތުން 7-1ގެ ބޮޑުތަފާތަކުން ބަލިވެގެންނެވެ. މިއީ ބްރެޒިލް ފުޓްބޯޅައިގެ ތާރީޚުގައިވެސް އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި ފަހަރެވެ.
ބްރެޒިލްގެ ރިއޯޑި ޖެނެއިރޯގައި ބާއްވާ ހޫނު މޫސުމުގެ އޮލިމްޕިކް ގޭމްސްގައި ކޯޗު އެލްގެޒާންޑްރާ ގާލޯގެ އިރުޝާދުގެ ދަށުން ބްރެޒިލްގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމް ނުކުންނާނީ އެމީހުންގެ ތާރީޚުގައި ވެސް އެންމެ ފުރަތަމަ އޮލިމްޕިކް ފުޓްބޯޅަ ރަންމެޑަލް ހޯދުމަށެވެ.