ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ، ވާދަވެރި މެންޗެސްޓާ ސިޓީގެ ކޯޗު މެނުއެލް ޕެލެގްރިނީއަށް ފާޑު ކިއައިފި އެވެ.

އިނގިރޭސި ލީގު ކަޕްގައި ބޮލްޓަން އަތުން 2-1 ން މޮޅުވި މެޗައްފަހު ބޭއްވި ޕޯސްޓް މެޗް ކޮންފަރެންސްގައި ވާހަކަދައްކަމުން މޮރީނިއޯ ބުނީ ޕެލެގްރިނީ ދައްކާ ވާހަކަތަކާއި ކުރާ އަމަލުތަކާ ދިމާ ނުވާކަމަށެވެ. އަދި އެއްވެސް ހާލެއްގައި އޭނާ އާއި ބެހޭގޮތުން ވާހަކަދައްކައި އެކަމާ ބެހޭ ގޮތުން މަޝްވަރާކުރަން ވެސް ބޭނުން ނުވާ ކަމަށެވެ.

"ތިނެއް ނުވަތަ ހަތަރު ފަހަރު އޭނާ ބުނި ތިމަންނަ ރެފްރީންނާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކާނަމޭ. އެކަމަކު އެންމެ ފަހުންވެސް މިފެނުނީ އެހެން މަންޒަރެއް. އޭނާ ބުނި އަހަރެންނާއި އަހަރެންގެ ޓީމާ ބެގޭގޮތުން އެއްވެސް ހާލެއްގައި ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް. އެކަން ވަރަށް ސާފުކޮށް އެނގިއްޖެ މިހާރު. އަހަރެން އޭނާއާއި ބެހޭގޮތުން ވާހަކަދައްކަން ބޭނުންނުވެޔޭ ބުނެފިނަމަ އަހަރެން މަސަަތްކަތް ކުރާނީ ބަހާއި އެއްގޮތަށް އަމަލު ކުރެވޭތޯ،" ޗެލްސީގެ ކޯޗް ބުނެޏެވެ.

މޮރީނިއޯ ޕެލެގްރިނީއަށް ބަހުގެ ހަމަލާތަކެއް މިދިނީ މީގެ ހަތަރު ދުވަސް ކުރިން ސިޓީގެ ކޯޗު ޗެލްސީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވަނިކޮށެވެ. އަދި މީގެ އިތުރުން އިނގިރޭސި ލީގުގައި އާސެނަލް އާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗުގައި ރެފްރީކަން ކުރި މާކް ކްލެޓެންބާގްގެ ޑިސިޝަންތަކާ މެދު ހިތްހަމަނުޖެހިގެން ޕެލެގްރިނީ ވަނީ ކްލެޓެންބާގަށް ވެސް ފާޑު ކިޔައިފައެވެ.

ޗެލްސީ އާއި ޗެމްޕިއަން ސިޓީ އެންމެ ފަހުން ވާދަކުރި މެޗް ނިމުނީ 1-1 ން ދެޓީމް އެއްވަރުވެގެންނެވެ. އިނގިރޭސި ލީގުގެ ތާވަލުގެ އެންމެ ކުރީގައި ޗެލްސީ އޮތް އިރު ސިޓީ އޮތީ އަށްވަނައިގައެވެ.